އައްޑޫ ސަރަހައްދީ ފްރީޒޯން އިފްތިތާޙްކޮށް، ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ފޮޓޯ- އެމްޕީއެލް

އައްޑޫ ސަރަހައްދީ ފްރީޒޯން އިފްތިތާޙްކޮށް، ޖާގަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

8 hours ago - 07:34

އައްޑޫ ސަރަހައްދީ ފްރީޒޯން ރަސްމީކޮށް އިފްތިތާޙްކޮށް، އެ ސަރަހައްދުން ޖާގަ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ އައްޑޫ ހައިސްކޫލުގައެވެ.


މި ރަސްމިއްޔާތުގައި ފްރީ ޓްރޭޑް ޒޯން އިފްތިތާޙްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.


ފްރީޒޯންތަކަކީ ރާއްޖެއަށް މުދާ އެތެރެކުރުމަށްފަހު، ރާއްޖޭގެ ބާޒާރަށް ނެރުމުގެ ކުރިން ނުވަތަ އަލުން ބޭރުކުރުމުގެ ކުރިން، އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް މުދާ ބެހެއްޓޭނެ ޚާއްޞަ ސަރަހައްދުތަކެކެވެ. މިގޮތުން، ހިތަދޫ ސަރަހައްދީ ބަނދަރުގައި ޑިއުޓީއާ ނުލައި މުދާ ރައްކާކުރެވޭނެ ވަކި ޒޯނެއް މިހާރު ވަނީ ކަނޑައަޅާފައެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރުގެ ދަށުން ފެށުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދެކުނުގެ އިތުރުން މުޅި ޤައުމުގެ އިޤްތިޞާދު ހަލުވިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


ލައްމާން އިތުރަށް ވިދާޅުވީ، މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އައްޑޫގެ ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލުމާއި ޝައުޤުވެރިކަން ބޭނުންވާ ކަމަށެވެ. "ބޭނުންވަނީ އައްޑޫގެ ވިޔަފާރިވެރިންގެ ވިސްނުމާއި ބައިވެރިވުން. އައްޑޫއަކީ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ސިޓީއެއް. ރައީސްގެ އަމާޒަކީ އައްޑޫގެ އިޤްތިޞާދީ ހާލަތު ބަދަލުކޮށްލާނެ އައު ދޮރެއް ހުޅުވައިދިނުން،" އޭނާ ވިދާޅުވިއެވެ.


އައްޑޫ ފްރީޒޯން ތަރައްޤީކުރުމަށް ހިތަދޫ ޕޯޓް ސަރަހައްދުން 1.7 ހެކްޓަރުގެ ބިން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން 20,000 އަކަފޫޓުގެ ސަރަހައްދެއް މިހާރު އިންވަކިކޮށް، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.


މި މަޝްރޫޢުގެ ދަށުން "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި، އެ ނޫންވެސް ގުޅުންހުރި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 13 އިން ފެށިގެން އަންނަ ޖޫން މަހުގެ 11 އާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (EOI) ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އޭގެ ފަހުން، ވިޔަފާރިތަކުން ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި، ކުލީގެ އެއްބަސްވުމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.


މި ފްރީޒޯންގައި ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ޑިއުޓީ ފްރީ ސްޓޯރޭޖް، ވެހިކަލް ރީފާބިޝްމަންޓް، މެނުފެކްޗަރިންގ، ބޮންޑެޑް ސްޓޯރޭޖް އަދި މުދާ ރީ-އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ހިމެނެއެވެ. ބިން ދޫކުރާނެ ރޭޓްތައްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.


މިއަހަރުގެ ކުރީކޮޅު ފެށި މި މަސައްކަތަކީ އެމްޕީއެލްއާއި، އިޤްތިޞާދީ ވުޒާރާއާއި، ކަސްޓަމްސް އަދި ސަރުކާރުގެ ކަމާބެހޭ އެކި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު އިޤްތިޞާދީ މަޝްރޫޢެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow