އައްޑޫ ރީޖަނަލް ފްރީ ޒޯނުން ބިން ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ރީޖަނަލް ފްރީ ޒޯނުން ބިން ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

8 hours ago - 07:40

އައްޑޫ ސިޓީގައި ތަރައްގީކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" އިން ޖާގަ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (EOI) ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.


އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ފްރީ ޒޯންގައި މުދާ ރައްކާކުރުމަށާއި، އެ ސަރަހައްދާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް މިއަދުން ފެށިގެން އީއޯއައި ހުށަހެޅޭނެ ކަމަށެވެ. މި މުއްދަތު ހަމަވުމުން، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް، ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނުގެ އިތުރުން ލީސް އެއްބަސްވުމާ ގުޅޭ ތަފްސީލުތައް ހިމެނޭ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެއެވެ. ބިން ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.

"އައްޑޫ ރީޖަނަލް ފްރީ ޒޯން" ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. ޑިއުޓީ ފްރީ ޒޯން ހުސްބިން (ބިން ކުއްޔަށް ދޫކުރުން):

  • ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33 ރުފިޔާ (ޖީއެސްޓީ ނުލައި)
  • ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60 ރުފިޔާ (ޖީއެސްޓީ އާއެކު)
  • މަހަކަށް: 1000 އަކަފޫޓަށް 4،600 ރުފިޔާ (298 ޔޫއެސް ޑޮލަރު)، ޖީއެސްޓީ ނުލައި

މި ބިންތައް ހާއްސަކުރެވިފައިވަނީ ސިނާއީ މަސައްކަތްތަކާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބަލްކުރުމުގެ އިތުރުން ލޮޖިސްޓިކްސް އަދި ގުދަންކުރުމުގެ މަސައްކަތްތަކަށެވެ. ޝައުގުވެރިވާ ވިޔަފާރިތަކުން business@port.mv އަށް އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅުމަށް އެމްޕީއެލް އިން އިރުޝާދު ދެއެވެ. އީއޯއައި އާއެކު އެ ކުންފުނިން ތައްޔާރުކޮށްފައިވާ ސާވޭ ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ.


ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ވިލުންތެރި ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫ ފްރީ ޒޯންގެ މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ. މީގެ އިތުރުން، އައްޑޫ ސިޓީއަކީ ވިޔަފާރީގެ މައި ހަބަކަށް ހެދުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ފުރަތަމަ ސަރަހައްދުގެ ގޮތުގައި (ހުޅުދޫ އާއި މީދޫ ހިމެނޭހެން) އައްޑޫ ސިޓީ ވަނީ ކަނޑައަޅާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow