ބ. އޭދަފުށީގައި ފިއުލް ސްޓޭޝަން ގާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

ބ. އޭދަފުށީގައި ފިއުލް ސްޓޭޝަން ގާއިމުކޮށް ޚިދުމަތް ދޭން ފަށައިފި

2 hours ago - 17:41

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، ބ. އޭދަފުށީގައި ފިއުލް ސްޓޭޝަން ގާއިމުކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.


މި މަޝްރޫޢުގެ ދަށުން މިހާތަނަށް 4 ފިއުލް ސްޓޭޝަނެއްގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އެއީ ރ. ދުވާފަރު، ހދ. ހަނިމާދޫ، ހއ. އިހަވަންދޫގެ އިތުރުން އެންމެ ފަހުން ޚިދުމަތް ފެށި ބ. އޭދަފުށީގެ ފިއުލް ސްޓޭޝަނެވެ.


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މަޢުލޫމާތު ދޭ ގޮތުގައި، ށ. މިލަންދޫގައި ގާއިމުކުރި ފިއުލް ސްޓޭޝަންގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ފ. ނިލަންދޫގައި ގާއިމުކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، ޏ. ފުވައްމުލަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ރަށުގައި އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެސްޓީއޯއިން ހާމަކުރެއެވެ.

Advertisement
Advertisement


މި މަޝްރޫޢަކީ ރަށްރަށުގެ މަސްވެރިންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް މާލެއާ އެއް އަގަކަށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިކަމުގެ ސަބަބުން އަތޮޅުތެރޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow