އެސްޓީއޯގައި ފިޔާ ހުސްނުވާ ކަމަށާއި ކިލޯއެއް 13 ރުފިޔާއަށް

އެސްޓީއޯގައި ފިޔާ ހުސްނުވާ ކަމަށާއި ކިލޯއެއް 13 ރުފިޔާއަށް

13 hours ago - 09:27

ބާޒާރުގައި ފިޔާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށާއި ފިޔާގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެކަން ސާފުކޮށްދީފިއެވެ.


މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެސްޓީއޯ އިން ބުނީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފިޔާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި ކުރިއެކޭ އެއްގޮތަށް އެސްޓީއޯގެ ފިހާރަތަކުން ފިޔާ ލިބެން ހުންނާނެއެވެ.


އަގާ ގުޅޭގޮތުން އެސްޓީއޯ އިން ހާމަކުރި ގޮތުގައި، ފިޔާ ކިލޯއެއް ކުރިންވެސް ވިއްކަމުންދިޔަ އަގު ކަމަށްވާ 13 ރުފިޔާއަށް މިހާރުވެސް ލިބެން ހުންނާނެއެވެ. މިއީ ބާޒާރުގެ އާންމު އަގުތަކަށް ބަލާއިރު ހެޔޮ އަގެކެވެ.


މީގެ އިތުރުން، ބާޒާރުގައި ފިޔާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ. އަދި އަތޮޅުތެރޭގައި ހުރި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ދަތިކަމެއް ނެތި ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.


އެސްޓީއޯ އިން މިކަން ސާފުކޮށްދީފައި މިވަނީ، ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ގައުމުތަކުން ފިޔާ އެކްސްޕޯޓް ކުރުން މަދުކުރުމާ ގުޅިގެން ބާޒާރުގައި ފިޔާގެ އަގު ބޮޑުވެދާނެ ކަމުގެ ބިރު އާންމުންގެ މެދުގައި އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow