"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 58،000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތަފާސްހިސާބުތައް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.
މިރޭ އެ ވުޒާރާއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 35،930 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހަޅާފައިވާ 22،575 އެޕްލިކޭޝަނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއުތަކުގެ ދަށުން ފްލެޓްތައް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާއިރު، ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަންތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
ރިއެކްޝަންސް





