އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަޤާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.
އޭބީއޭ ބޯޑުގެ ނިންމުމާ އެއްގޮތަށް، ޝަރީފް މި މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ. މިއީ ބޭންކިންގ ދާއިރާގައި ޝަރީފް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި، އޭނާގެ ތަޖުރިބާއަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މީގެ ކުރިން ޝަރީފް ވަނީ 2018 އިން 2020 އަށް އޭބީއޭގެ ވައިސް ޗެއާމަންކަން ކުރައްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށާއި، ސަރަހައްދީ ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ބޮޑުކަމުން، 2025 ވަނަ އަހަރު އަލުން އެ މަޤާމަށް ވަނީ އައްޔަންކުރައްވާފައެވެ.
މި އައްޔަންކުރުމާ ގުޅިގެން ޝަރީފް ވިދާޅުވީ، އޭބީއޭގެ ބޯޑާއި މެންބަރު ބޭންކުތަކުން ކުރެއްވި އިތުބާރަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނާގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، މިއީ ރާއްޖެއަށާއި އެ ބޭންކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އޭބީއޭގެ ސެކްރެޓަރީ-ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވެސް ވަނީ ޝަރީފްގެ މަސައްކަތްޕުޅުތަކަށް ތައުރީފުކުރައްވައި، ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި މާލީ މުއައްސަސާތައް ތަމްސީލުކުރާ އެންމެ އިސް ޖަމިއްޔާއެވެ. މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެމްބަރު 1 އިން 3 އަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސް އިންތިޒާމުކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.
ރިއެކްޝަންސް





