ހަތް ފޫޓަށް ރާޅު ބޮޑުވެ މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

ހަތް ފޫޓަށް ރާޅު ބޮޑުވެ މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

7 hours ago - 20:06
Advertisement
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލި، ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.


ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު، އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.


މެޓް އޮފީހުން އިތުރަށް ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 4 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅު ހުންނާނެ ކަމަށް ލަފާކުރެވޭތީ، އުދަ އަރާފާނެ ކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއާއި ބ. ދަރަވަންދޫއަށެވެ. އެއީ 84 މިލިމީޓަރުގެ ވާރެއެވެ. ވައި އެންމެ ގަދަވެފައިވަނީ ލ. ކައްދޫއަށެވެ. އެ ރަށަށް ވިލާގަނޑުގައި ގަޑިއަކު 46 މޭލު ބާރުމިނުގައި ވައިޖެހިފައިވެއެވެ.


މޫސުން ގޯސްވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި:

ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އެންގުން.
ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހަމައަށް ހުރިތޯ ޗެކްކުރުން.
މުދާ އުފުލާ އުޅަނދުތަކަށް ހުއްދަދެވިފައިވާ މިންވަރަށްވުރެ ބޮޑަށް ބަރުނުކުރުން.
ޑައިވިން އަދި ވޯޓާ ސްޕޯޓްސް ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުން.

މީގެއިތުރުން، މޫސުމާ ބެހޭ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުތަކުގައި ދަތުރުފަތުރު ކުރުމުގައި އިތުރަށް ރައްކާތެރިވުމަށް ވަނީ އަންގާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement