ހިޔާގެ ތިން ޓަވަރެއްގެ އާ ލިފްޓުތައް ނިންމައި އާންމުންނަށް ހުޅުވާލައިފި

ހިޔާގެ ތިން ޓަވަރެއްގެ އާ ލިފްޓުތައް ނިންމައި އާންމުންނަށް ހުޅުވާލައިފި

3 hours ago - 20:45
Advertisement
Advertisement

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ތިން ޓަވަރެއްގެ ލިފްޓުތައް ހަރުކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ.


މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވަނީ ހިޔާގެ 13، 14 އަދި 15 ވަނަ ޓަވަރުގެ އާ ލިފްޓުތަކެވެ. މިއީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ.


ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން އަލަށް ހަރުކުރެވޭ ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ބަލިމީހުން އުފުލާ ސްޓްރެޗާ ފަސޭހައިން އެރުވޭވަރުގެ ބޮޑެތި ލިފްޓުތަކެކެވެ.


އެޗްޑީސީން ހާމަކުރި ގޮތުގައި، މި ލިފްޓުތަކުގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ކާރޫބާރޫ ބޮޑު ވަގުތުތަކުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.


އެޗްޑީސީގެ އަމާޒަކީ މިހާރު މަސައްކަތް ކުރިއަށްދާ 16 ވަނަ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި، އާންމުންނަށް ހުޅުވާލުމެވެ. މިއާއެކު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ލިފްޓު ކިއޫގައި ހޭދަކުރަންޖެހޭ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement