ވަޒީރު އިރުތިޝާމް އާދަމް އިންޑިއާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ތާރީޚީ އަދި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު އިރުތިޝާމް ވަނީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގައި އިންޑިއާއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، އިޤްތިސާދީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އައު ހިސާބަކަށް ގެންދިއުމަށާއި، އެކި ރޮނގުރޮނގުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ތަފްސީލީ ގޮތެއްގައި މަޝްވަރާކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިންޑިއާއަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ޚާރިޖީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެކަމަނާ ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރުގެ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިތުބާރު ބަދަހިކޮށް، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް





