މިއަހަރު ނިމުމުގެ ކުރިން އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި (އެފްޓީއޭ) ސޮއިކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ހާމަކުރައްވައިފިއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހު 'ވިއޯން' ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް މިހާރުވެސް ބާރުދުވެއްޔެއްގައި ކުރިއަށްދެއެވެ. "އަޅުގަނޑުމެންގެ އުންމީދަކީ އަދި އަމާޒަކީވެސް މިއަހަރުގެ ނިޔަލަށް މި އެއްބަސްވުމުގައި ސޮއިކޮށް ނިންމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމަށް ލިބިގެންދާނެ ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތަކީ އެކަތި އަނެކައްޗަށް ބާރުދޭ، ބަދަހި ދެ ސިޔާސަތުކަން ފާހަގަކުރައްވަމުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސް މިނެއްގައި ނިންމުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމާއި، ބަނދަރުތަކާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ރައްޔިތުންގެ ލާބަޔާއި މަންފާއާ ގުޅިފައިވާ މުހިންމު މަޝްރޫއުތައް ހިމެނެއެވެ.
އިގްތިސާދީ ދާއިރާއިން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ސާކް ކަރަންސީ ސްވޮޕްގެ ދަށުން ލިބުނު 30 ބިލިއަން ރުޕީސްގެ މާލީ އެހީތެރިކަމަކީ ކާބޯތަކެއްޗާއި ސަބްސިޑީ ފޯރުކޮށްދިނުމުގައި ލިބުނު ވަރަށް ބޮޑު ތަސައްލީއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަން ފާހަގަކުރައްވައި، ރާއްޖެއިން މާލީ އިލްތިޒާމްތައް އަދާކުރުމުގައި 'ޑިފޯލްޓް' ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެކަމަނާ ދެއްވިއެވެ.
ދިފާއީ އަދި ސަލާމަތީ ގުޅުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އިންޑިއާ ކަނޑުގެ އަމާންކަން ބެލެހެއްޓުމުގައި އައިއޯއާރްއޭ އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ފަދަ ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ދިމާވި ބައެއް ނުތަނަވަސްކަންކަމަކީ ބޭރުގެ ނުފޫޒުތަކެއްގެ ސަބަބުން މެދުވެރިވި ކަންތައްތަކެއް ކަމަށް ވެދާނެކަން ފާހަގަކުރައްވައި، މިހާރުގެ ދެ ސަރުކާރުގެވެސް އެންމެ އިސް އަމާޒަކީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ބަދަހިކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިރުތިޝާމް އާދަމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ.
ރިއެކްޝަންސް





