8 ބިލިޔަން ރުފިޔާގެ ދަރަނި ދައްކައި ހަލާސްކޮށްފި

8 ބިލިޔަން ރުފިޔާގެ ދަރަނި ދައްކައި ހަލާސްކޮށްފި

2 hours ago - 14:28
Advertisement
Advertisement

 500 މިލިޔަން ޑޮލަރުގެ ސުކޫކު، ދިވެހި ސަރުކާރުން ދައްކައި ނިންމައިފިއެވެ. މި ސުކޫކަކީ ދިވެހި ފައިސާއިން ބަލާނަމަ 8 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރާއްޖޭގެ މާލީ ހާލަތާ މެދު އުފެދިފައި އޮތް ބޮޑު ނުތަނަވަސްކަމަށް ހޯދައިދިން ބޮޑު ޙައްލެކެވެ.

މިހާ ބޮޑު ދަރަންޏެއް އެއްފަހަރާ ދައްކަން ޖެހުނު ސަބަބަށް ބަލާއިރު، މިއީ ވޭތުވެދިޔަ ދެ ސަރުކާރެއްގެ ތެރެއިން އުފެދިފައިވާ ދަރަންޏެކެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްޤީގެ މަޝްރޫޢުތަކަށް 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" އެއް ނެގިއެވެ. މި ބޮންޑުގެ މުއްދަތު 2021 ވަނަ އަހަރަށް ހަމަވާން އޮތް ނަމަވެސް، އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ޚަރަދުތައް އިތުރުވުމުގެ ސަބަބުން، އެ ބޮންޑު ދެއްކުމުގެ ބަދަލުގައި ދަރަނި ދެގުނަ ބޮޑުކޮށް ސުކޫކަކަށް ބަދަލުކޮށްފައެވެ.
އައު ދަރަންޏަކާ ނުލައި ދަރަނި އަދާކުރުން
އާންމުގޮތެއްގައި މިފަދަ ބޮޑެތި ދަރަނިތައް ދެއްކުމަށް ކުރީގެ ސަރުކާރުތަކުން އަމަލުކުރަމުން އައީ އިތުރު ދަރަންޏެއް ނެގުމުގެ އުސޫލުންނެވެ. ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން ނިންމީ އިތުރު ލޯނެއް ނެގުމުގެ ބަދަލުގައި، ދައުލަތުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން މި ދަރަނި އަދާކުރުމަށެވެ. ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ބަލާއިރު، އިތުރު ދަރަންޏެއް ނެގުމަކީ ރާއްޖެއަށް އުފުލޭނެ މާލީ ބުރައަކަށް ނުވާނެތީއެވެ.
ދަރަނި ދެއްކި ގޮތް
ސަރުކާރުން ހާމަކުރި ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިޔަން ޑޮލަރާއި، އޭގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިޔަން ޑޮލަރާއެކު ޖުމްލަ 524.68 މިލިޔަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 8.1 ބިލިޔަން ރުފިޔާ) މިހާރު ވަނީ ދައްކައި ނިންމާފައެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (SDF) އާއި ދައުލަތުގެ ރިޒާވްއެވެ.
ކުރީ ސަރުކާރުން ހުސްކޮށްލާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު އަލުން އިޔާދަކޮށް، ދެ އަހަރު ދުވަހުގެ ތެރޭގައި އެ ފަންޑު 350 މިލިޔަން ޑޮލަރަށް މަތިކުރުމަކީ މި ދަރަނި އަދާކުރުމަށް ލިބުނު އެންމެ ބޮޑު ބާރެވެ.
ރިޒާވް ވަރުގަދަކުރުން
ސަރުކާރުގެ ހަރުދަނާ މާލީ ސިޔާސަތުގެ ދަށުން، ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލާއެކު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 1.3 ބިލިޔަން ޑޮލަރަށް އުފުލިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރިޒާވް މިހާ މަތިވި ފުރަތަމަ ފަހަރެވެ. މިދިޔަ ފެބުރުވަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް 300 މިލިޔަން ޑޮލަރަށްވުރެ މައްޗަށް ޖެހިލާފައިވާއިރު، މިއީ ދަރަނި އަދާކުރުމުގެ ޤާބިލިއްޔަތުކަން ސަރުކާރުން އަމިއްލައަށް ބިނާކޮށްފައިވާ ކަމުގެ ހެއްކެކެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި، އެއްވެސް ކަމަކަށް ބުރޫ ނާރާ ގޮތަށް މިފަދަ ބޮޑު ދަރަންޏެއް އަދާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ރޭވުންތެރިކަމާއި އިޤްތިޞާދީ ސިޔާސަތުގެ ކާމިޔާބީއެއް ކަމުގައި މާލީ މާހިރުން ފާހަގަކުރެއެވެ.

                    

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement