ބީއެމްއެލް ކިޔަވާ ލޯނަށް ހެޔޮ ބަދަލެއް: ބޭރުގެ ޕްރޮފެޝަނަލް ކޯސްތަކަށް ޑޮލަރުން ފައިނޭންސިން ދޫކުރަނީ

ބީއެމްއެލް ކިޔަވާ ލޯނަށް ހެޔޮ ބަދަލެއް: ބޭރުގެ ޕްރޮފެޝަނަލް ކޯސްތަކަށް ޑޮލަރުން ފައިނޭންސިން ދޫކުރަނީ

21 hours ago - 01:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނު އަދި އެޑިއުކޭޝަން ފައިނޭންސިންއަށް ބޮޑެތި އުސޫލީ ބަދަލުތަކެއް ގެނެސް، ބޭރުގެ ޕްރޮފެޝަނަލް ކޯސްތަކަށް ބޭނުންވާ ފައިސާ ޑޮލަރުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.


ބޭންކުން މިއަދު ހާމަކުރި ގޮތުގައި، މި ގެނެވުނު ބަދަލާއެކު ބޭރުގެ އެކި ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، އެފަދަ ކޯސްތަކާ ގުޅުންހުރި ސާޓިފިކޭޝަން ފީތައް ދެއްކުމަށް ދަރިވަރުންނަށް ޑޮލަރުން ފައިނޭންސިން ލިބޭނެއެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންއެއް ކަމަށްވެސް ބޭންކުން މައުލޫމާތު ދެއެވެ.


ބީއެމްއެލް އިން ބުނީ މި ބަދަލުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ހާސިލުކުރަން ބޭނުންވާ ދިވެހިންނަށް، ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި، މުއާމަލާތްތައް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.


މި ފައިނޭންސިންގެ ދަށުން ކޯސް ފީތައް ބޭންކުން ސީދާ އެ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ކިޔަވާ ދަރިވަރުންގެ އާންމު ހަރަދުތަކަށް ދޫކުރާ ސްޓައިޕެންޑް، ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭ ގޮތަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.


ގައުމީ ބޭންކުން ގެނައި މި ބަދަލަކީ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ގައުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow