ރައްޔިތުން އެދޭގޮތަށް ކަންކަން ބަދަލުކުރުމަކީ 'ޔޫޓާރން' އެއް ނޫން: މެންބަރު އިއްބެ

ރައްޔިތުން އެދޭގޮތަށް ކަންކަން ބަދަލުކުރުމަކީ 'ޔޫޓާރން' އެއް ނޫން: މެންބަރު އިއްބެ

1 day ago - 13:04

ރައްޔިތުން ބޭނުންނުވާ ގޮތަކަށް ކަމެއް ކުރެވިގެން އެކަމެއް އަނބުރާ ގެނައުމަކީ ނުވަތަ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަކީ އެއީ ސަރުކާރުން "ޔޫޓާރން" ނެގުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު އިއްބެ މިހެން ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް ވަރެއްގެ ހަރުދަނާކަމެއް ނެތް ކަމަށާއި، ކަންކަމުގައި ސަރުކާރުން "ޔޫޓާރން" ނަގަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

މެންބަރު އިއްބެ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ އަދި ކުރާނެ ސަރުކާރެއް ކަމަށެވެ. މިސާލެއްގެ ގޮތުން ސިނގިރޭޓުން ނަގާ ޑިއުޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ، ކުރިން ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ 8 ރުފިޔާއަށް ރައީސް ބަދަލުކުރެއްވީ ވަރަށް ރަނގަޅު ނިޔަތެއްގައި ކަމަށެވެ. އެއީ ޤައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ސިއްހަތާ މެދު ވިސްނަވާފައި ނިންމެވި ނިންމެވުމެއް ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެމީހުންގެ އަމިއްލަ ސިއްހަތާ މެދު ނުވިސްނައި، އެ ބަދަލު ބަލައިގަންނަން ބޭނުންނުވި ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.


"ރައީސުލްޖުމްހޫރިއްޔާ ވިސްނަވާ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސް ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުން ރައްޔިތުން އެކަން އެގޮތަށް ބަލައެއް ނުގަތް. އަޅުގަނޑުގެ ދާއިރާގެ ޒުވާނުންވެސް އެންމެ ގިނައިން އެދިފައިވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން،" އިއްބެ ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުން ހިތްހަމަނުޖެހޭ ކަމެއް ކުރެވިއްޖެނަމަ، އެކަމެއް ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށެވެ.


"ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ގިނައިން ރައްޔިތުން އެދުނު ކަމަކަށް ވާނެ ސިނގިރޭޓު އަގުހެޔޮ ކުރުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަނެއްކާވެސް އެނބުރި އެ އަގު ބޮޑު ކުރެއްވި ގޮތަށް އަގުވެސް ހެޔޮކުރީ ނޫންތޯ؟ ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިގަންނަވާނެ އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުން ހިތްހަމަނުޖެހޭ ކަމެއް ކުރެވިއްޖެނަމަ އެކަމެއް އެނބުރި ރައްޔިތުން ބޭނުންވާ ގޮތަކަށް ބަދަލުކުރައްވަން،" މެންބަރު އިއްބެ ވިދާޅުވިއެވެ.


ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަށްފަހު އަނެއްކާވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow