ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް އިންޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

21 hours ago - 01:53
Advertisement
Advertisement

ދިވެހިރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗްއައިސީޑީޕީ) ގެ ދަށުން މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއުއެވެ.


މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރަށްރަށުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރުމަކީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެ، އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ޔޫތު މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވި ގޮތުގައި، މި ސެންޓަރުތަކަކީ ހަމައެކަނި ކަސްރަތު ކުރާ ތަންތަނަށް ނުވެ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ މަރުކަޒުތަކަކަށް ވެގެންދާނެއެވެ. ވަކިން ހާއްސަކޮށް، ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަޝްރޫއުގެ ދަށުން ފުޅާވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މި ރަސްމިއްޔާތު ނިންމަވާލައްވަމުން ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement