އެމްޕީއެލްއިން މިދިޔަ ހަފްތާގައި 43،000 އަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލްއިން މިދިޔަ ހަފްތާގައި 43،000 އަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކޮށްފި

21 hours ago - 01:57
Advertisement
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގެ ތެރޭގައި 43،000 އަށް ވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށް، މުދާ ބޭލުމުގެ ރެކޯޑް އަދަދެއް ހާސިލުކޮށްފިއެވެ.


އެމްޕީއެލްއިން އާންމުކޮށްފައިވާ އޮކްޓޯބަރު 12 އިން 18 ގެ ނިޔަލަށް ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 43،933.57 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުފަހަރުން ކްލިއާކުރި 41،753.59 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން ކްލިއާކުރި 2،179.98 ފްރެއިޓް ޓަނުގެ މުދަލެވެ.


ވޭތުވެދިޔަ ހަތަރު ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އެންމެ ގިނަ އަދަދަކަށް މުދާ ކްލިއާކުރި ހަފްތާއެވެ. މީގެ ކުރިން އެންމެ ގިނައިން މުދާ ކްލިއާކޮށްފައިވަނީ ޖޫން 21 އިން 27 އަށް ހިނގި ހަފްތާގައެވެ. އެ ހަފްތާގައި ކްލިއާކޮށްފައިވަނީ ޖުމްލަ 40،859.94 ފްރެއިޓް ޓަނުގެ މުދަލެވެ.


ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ހަފްތާގައި 2,028 ޓީއީޔޫ (TEUs) ގެ މުދާ ބާލާފައިވާ އިރު، 1,730 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. މި މުއްދަތުގައި ކޮންޓެއިނަރު އުފުލާ 3 ބޯޓާއި ޖެނެރަލް ކާގޯ އުފުލާ 4 ބޯޓު ވަނީ ބަނދަރަށް އައިސްފައެވެ.


މުދާ ކްލިއާކުރުމުގައި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، މުދާ ކްލިއާކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކޮށް، ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.


މުދާ ކްލިއާކުރުމުގެ ރެކޯޑް އަދަދެއް މިދިޔަ ހަފްތާގައި ހާސިލުކުރެވިފައި މިވަނީ، ބަނދަރުގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement