ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މި ދުވަސްވަރު މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމުގެ އާދަ އަށަގެންނެވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ. ވަކިން ޚާއްޞަކޮށް ފާޚާނާ ކުރުމަށްފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ބޭނުންކުރާ ފާޚާނާ ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ބޭރަށް ހިންގާނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓް، ފެން އަދި ސޫޕު ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. އަދި ބަލިޖެހި، ނުރައްކާތެރި ބައެއް އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ މުހިންމު އަލާމާތްތައް:
ގިނަގިނައިން ހޮޑުލުން
މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން
ބޮލަށް އެނބުރުން އެރުން
އާދަޔާ ޚިލާފަށް ކަރުހިއްކުން އަދި ބަނޑުގައި ރިއްސުން
ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
ކުޑަކަމުދެވޭ މިންވަރު މަދުވުން
މީގެއިތުރުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކުދިން، އެ އަލާމާތްތައް މުޅިން ކެނޑޭތާ 24 ގަޑިއިރު (1 ދުވަސް) ވަންދެން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުންވެސް މި މުއްދަތުގައި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރިއެކްޝަންސް





