އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ، އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެމަނިކުފާނު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން، 2014 އިން 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމު އަދާކުރައްވާފައިވާތީ، މިއީ އެމަނިކުފާނު މި މަޤާމަށް އައްޔަންކުރެވުނު ދެވަނަ ފަހަރެވެ.
މީގެ އިތުރުންވެސް، އެމަނިކުފާނު ވަނީ ސަރުކާރުގެ މަތީ ފަންތީގެ އެކި މަޤާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ހިމެނެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައެވެ.
ރިއެކްޝަންސް





