ހުޅުމާލެ ފޭސް 2 ގައި މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް އެޅުމަށް އާންމުންގެ ހިޔާލު ހޯދަން ފަށައިފި
ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ދެވޭނެ ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަޝްރޫއާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި އެ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ހާއްސަ ސާވޭއެއް މެދުވެރިކޮށް އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުމެވެ. މީގެ އިތުރުން، އަލަށް ހަދަން ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުންވެސް މީގެ ތެރޭގައި ހިމެނެއެވެ. މި ސާވޭއިން ލިބޭ މައުލޫމާތަކީ އީއައިއޭ ރިޕޯޓް ފުރިހަމަކުރުމަށާއި، މުޖުތަމައުގެ ބޭނުންތަކާ އެއްގޮތަށް މަޝްރޫއު ބައްޓަންކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް ރާވާފައިވަނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާޓިފިޝަލް ސްވިމިން ސަރަހައްދަކާއި ހާއްސަ މަސްބާނާ ޕްލެޓްފޯމެކެވެ.
މަސްބާނާ ޕްލެޓްފޯމް ތަރައްގީކުރާއިރު، ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ހާއްސަ ވޯކްވޭއެއްގެ އިތުރުން އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކުރެވިފައިވާ ބެންޗުތަކާއި މަސްކަނޑަން ބޭނުންކުރެވޭނެ ހާއްސަ ސަރަހައްދެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މި މަޝްރޫއު ނިމުމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ހުޅުމާލެއަކީ އަމާން، ހިތްފަސޭހަ ވެއްޓަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.
ރިއެކްޝަންސް





