
އުއްދޫ, ދ.އަތޮޅު ރައްޔިތުން ދަތުރު ދިއުމަށް ހުޅުވާލައިފި
ދ.އުއްދޫ, އެ އަތޮޅު ރައްޔިތުން ދަތުރު ދިއުމަށް ހުޅުވާލައިފި އެވެ. އެކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އުއްދޫ އަކީ ދ.އަތޮޅު ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި ކނޑައަޅުއްވައި، އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާފައެވެ.
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެއުސޫލުން ބޭނުންކޮށް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. ދ. އުއްދޫ މިހާރު ހަވާލުކުރައްވާފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ އެވެ. ރަށް ބަލަހައްޓަވާނީ އެ ވުޒާރާއިން ކަމަށާއި، ދ. އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަމާ ގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިޢުލާންކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދަތުރުފަތުރުގެ ނިޒާމް, ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް، މި އަހަރުގެ ނިޔަލަށް ދ.އަތޮޅުގެ ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް






