ރާއްޖޭގެ ހުރިހާ ކުލާސްރޫމްތަކެއް މިއަހަރު އިޔާދަކުރަނިވި ހަކަތައިއިން ފިނިކުރެވޭ ގޮތަށް ބަދަލުކުރަނީ
ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމްތަކެއް މިއަހަރު އިޔާދަކުރަނިވި ހަކަތައިއިން ފިނިކުރެވޭ ގޮތަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދުއްފާރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމަކަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި ޢިމާރާތްތަކެއް އެޅުމުގެ ބަދަލުގައި، އެ ޤައުމެއްގެ ޒުވާން ޖީލަށް ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު ދީގެން ކަމަށެވެ. އެހެންކަމުން ޙަޤީޤީ ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކޮށްދިނުން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
އެމޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވީ އެއަރކޮންޑިޝަންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢެވެ. އެ މަޝްރޫއަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ، މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި، މާތް ﷲގެ އިރާދަފުޅާއެކު، އިޔާދަކުރަނިވި ހަކަތައިއިން ފިނިކުރެވޭ ގޮތަށް ހުރި ކުލާސްރޫމްތަކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަރުދަނާ ގޮތެއްގައި ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާއާއި ޙަޤީޤީ އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމުގައެވެ. އެހެންކަމުން ސްކޫލުތަކާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް، މި ހިނގާ 2025 އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ރ. ހުޅުދުއްފާރަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޝަންސް