ޔުއެފާ ޗެމްޕިއަންސް ލީގު: ލިވަޕޫލް ގަދަ 16 ޔަގީންކޮށްފި
ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވެސް މޮޅު
ޗެމްޕިއަންސް ލީގުގެ ގަދަ 16 ލިވަޕޫލުން ޔަގީންކޮށްފިއެވެ. ލިވަޕޫލް ގަދަ 16 ޔަގީންކުރީ ފްރާންސްގެ ލިލް 2-1 ން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކުއެވެ.
ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް މޮޅުވެ ލިވަޕޫލް ވަނީ 21 ޕޮއިންޓް ހޯދާފައެވެ. މިއާއެކު ލިވަޕޫލަށް ވަނީ ގަދަ 16 ޔަގީންވެފައެވެ. ދެވަނައިގައި އޮތީ 5-4 ން ބެންފީކާ ބަލިކުރި ބާސެލޯނާއެވެ. އެއީ ހަތް މެޗުން 18 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި އޮތީ 15 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑެވެ.
ލިވަޕޫލްއަށް ޔޫރަޕްގައި ޖަހައިދިން 50 ވަނަ ގޯލާއެކު އެޓީމަށް ލީޑު ނަގައިދިނީ މުޙައްމަދު ސަލާޙްއެވެ. މެޗުގެ 62 ވަނަ މިނިޓްގައި ލިލް އިން ނަތީޖާ އެއްވަރުކުރި ނަމަވެސް 67 ވަނަ މިނިޓްގައި ލިވަޕޫލްގެ ހާވޭ އެލިއޮޓް ވަނީ ގޯލެއްޖަހާ ލިވަޕޫލް މޮޅުކޮށްދީފައެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑް ނެގީ ލިލްގެ މަންޑީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކި ފަހުންނެވެ.
ޖުމްލަ 9 ގޯލް ފެނިގެންދިޔަ ބާސެލޯނާ އާއި ބެންފީކާ ވާދަކުރި ފޯރިގަދަ މެޗުގައި ފުރަތަމަ ގޯލްޖަހާ ކުރި ހޯދީ ބެންފީކާއިން ނެވެ. ބާސެލޯނާއަށް ނަތީޖާ އެއްވަރުކޮށްދިނީ 13 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޮސްކީއެވެ. މެޗުގައި ބެންފީކާގެ ފުރަތަމަ ގޯލް ކާމިޔާބުކުރި ވެންގަލިސް ޕަވިލިޑިސް ވަނީ ކައިރިކައިރީގައި އިތުރު ދެގޯލް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.
ފުރަތަމަ ހާފުން 3-1 ން ކުރީގައި އޮވެ އިތުބާރާ އެކު ކުޅެމުން އައި ބެންފީކާއަށް ލޮޅުންއެރީ 64 ވަނަ މިނިޓްގައި ރަފީނިއާ ބާސެލޯނާއަށް ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކުރުމުންނެވެ. ނަމަވެސް އޭގެ 12 މިނިޓްފަހުން ބަސެލޯނާގެ ރޮނާލްޑޯ އަރައުހޯ އަތުން ބައިކޮޅަށް ވައިން ގޯލާއެކު ބެންފީކާ އަނެއްކާވެސް ލީޑު ފުޅާކުރިއެވެ.
ބާސެލޯނާއަށް ލިބުނު ޕެނަލްޓީ 78 ވަނަ މިނިޓްގައި ލެވަންޑޮސްކީ ކާމިޔާބުކޮށް 86 މިނިޓްގައި އެރިކް ގާސިއާގެ ގޯލުން ބާސެލޯނާ ނަތީޖާ ހަމަހަމަކުރުމުން ބެންފީކާ ޕްރެޝަރަށް ދިޔައެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާކޮޅަށް ނަތީޖާ އަނބުރާލީ ރަފީނިއާއެވެ.
އެތްލެޓިކޯ މެޑްރިޑާއި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗުގެ 23 ވަނަ މިނިޓްގައި އެތްލެޓިކޯގެ ޕަބްލޯ ބެރިއޯސްއަށް ދެއްކި ރަތްކާޑާއި އެކު މެޗުގެ ބާކީބައި އެތްލެޓިކޯއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް ބަޔާން ލެވަކޫސަން އަށް ލީޑު ނަގައިދިނީ ޕިއޭރޯ ހިންކަޕީއެވެ. ފަހަތުން އަރާ, މެޗުގައި އެތްލެޓިކޯގެ ދެ ގޯލްވެސް ކާމިޔާބުކުރީ އާޖެންޓިނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. 52 ވަނަ މިނިޓްގައި އެތްލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދިނުމަށްފަހު ދެވަނަ ގޯލް އޭނާ ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނިޓްގައެވެ.
ލީގު އުސޫލުން 36 ޓީމުގެ މެދުގައި ކުޅޭ މި މުބާރާތުގެ ގަދަ 8 ޓީމަށް, މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ލިބޭނެއެވެ. އަދި ނުވަ ވަނަ އާއި 24 ވަނައާ ދެމެދުގެ ޓީމުތަކަށް ގަދަ 16 ބުރުން ފުރުޞަތު ލިބޭނީ ޕްލޭއޮފް ބުރެއް ކުޅެގެންނެވެ.
ރިއެކްޝަންސް