
އަލޮންސޯގެ އެދުމާއިއެކު ރެއާލުން މޮޑްރިޗް ކްލަބްގައި މަޑުކުރުވަނީ: ރިޕޯޓް
އަންނަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުގެ މަޤާމާ ހަވާލުވާނެކަމަށް ބެލެވޭ ޒަބީ އަލޮންސޯގެ އެދުމަށް އެޓީމުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ އެއްބަސްވުން އާކުރަން ރެއާލުން ވިސްވަމުންދާކަމުގައި ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު 40 އަހަރު ފުރޭ މޮޑްރިޗް ރެއާލްއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާން މިހާރު އޮތީ ދެތިން ހަފްތާއެވެ.
ރެއާލްގެ މިހާރުގެ ކޯޗު, ކާލޯ އަންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ނިމެމުން މިދާ ސީޒަނުގައި ވެސް ފުރަތަމަ އެގާރައިން އަދި ކުޅުމުގެ މިނިޓަށް ބެލިކަމުގައިވިއަސް މޮޑްރިޗް އަށް ފުރުޞަތު ލިބިފައިވަނީ ވަރަށް މަދުންނެވެ. އެހެންކަމުން މިސީޒަން ނިމުމާއެކު ކްލަބުން އޭނާ ދޫކޮށްލާނެކަމަށް ކުރިން ވަނީ ބެލެވިފައެވެ. ނަމަވެސް ސްޕެއިންގެ ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ އެންމެ މަގުބޫލު ނޫސް; މާސާއިން ރިޕޯޓްކުރި ގޮތުގައި އަންނަ ސީޒަނުގައި މޮޑްރިޗް އާއެކު މަސައްކަތްކުރަން އަލޮންސޯ ބޭނުންވެއެވެ.
އަލޮންސޯ ރެއާލަށް ބަދަލުވާކަން ރަސްމީކޮށް އަދި އިއުލާންކޮށްފައި ނުވިނަމަވެސް އަންނަ ހަފުތާގެ ތެރޭގައި އަލޮންސޯ ކްލަބާ ގުޅުމުގެ ރަސްމީ ލިޔެކިޔުންތައް ނިމޭނެކަމަށް ބެލެވެއެވެ. އަދި 2026-2025 ގެ ސިޒަންގައި މޮޑްރިޗް ކްލަބްގައި މަޑުކުރުވުމަށް އަލޮންސޯ ރަސްމީކޮށް ކްލަބްގައި އެދިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އާދިއްތަ ދުވަހު ލަލީގާގައި 2-0 ން ސެވިއްޔާގެ މައްޗަށް ކުރިހޯދި މެޗަށްފަހު އަންޗެލޮއްޓީ ވެސް ވަނީ މޮޑްރިޗްގެ ކުރިމަގާ ގުޅޭގޮތުން ވަރަށް އަވަހަށް ކްލަބުން ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.
"އެންމެނަށްވެސް އެނގޭ ރެއާލްގެ ފޭނުން އޭނާ (މޮޑްރިޗް) ދެކެ ލޯބި ވާވަރު. ކްލަބުންވެސް އެކަމުގައި ނިންމާމީ މޮޑްރިޗް އަށް, ކްލަބަށް އަދި ކުރިމަގަށްވެސް އެންމެ ރަނގަޅު ގޮތަށް" އަންޗެލޮއްޓީ ބުނެފައި ވެއެވެ.
ރެއާލްގައި އިތުރު އެއް އަހަރު މަޑުކުރަން މޮޑްރިޗްވެސް ބޭނުންވާކަމަށާއި, އަދި ވަނީ ކްލަބުގައި މަޑުކުރުމަށް އޭނާގެ މުސާރަ ކުޑަކުރަންވެސް އެއްބަސް ވެފައި ކަމުގައި ބައެއް ރިޕޯޓްތައް ބުނެފައި ވެއެވެ. ރެވެލޯ އިިން ފެބުރުއަރީ މަހު ބުނި ގޮތުގައި 2026 ގެ ވޯލްޑްކަޕްގައި ކްރޮއޭޝިއާ ޓީމު ލީޑުކުރުމަށް ފޯކަސްކުރުމުގެ ގޮތުން ރިޒާވް ކުޅުންތެރިިއެއްގެ ގޮތުގައި ވިއަސް މޮޑްރިޗް ބޭނުންވަނީ ރެއާލްގައި މަޑުކުރާށެވެ.
ރިއެކްޝަންސް






