
ފަލަޞްޠީނުގެ 1000 މީހަކަށް ހައްޖުގެއަޅުކަމުގެ ހުރިހާ ހަރަދެއް ސައުދީ ސަރުކާރުން ދިނުމަށް ރަސްގެފާނު ގެ ހާއްސަ އަމުރެއް
މިއަހަރުގެ ހައްޖުގެ މާތް އަޅުކަމަށް ފަލަޞްޠީނުގެ 1000 މީހަކަށް ސައުދީ ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދިނުމަށް ދެ ޙަރަމްގެ ވެރިޔާ, ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލް ސައުދު އަމުރުކުރައްވައިފިއެވެ.
ހޯމަ ދުވަހު ރަސްގެފާނު ސޮއިކުރައްވާ ނެރުނު އަމުރުގައި ބުނެފައިވަނީ ފަލަޞްޠީނުގެ އާއިލާތަކުގެ ތެރެއިން ޝަހިދުވެފައިވާ މީހުންނަށާއި, ޖަލުތަކުގައި ތިބި ޤައިދީންނަށް އަދި ޒަޙަމްވެފައިވާ ފަލަޞްޠީނުގެ މީހުންގެ މައްޗަށް ހައްޖުގެ އަޅުކަން އަދާކޮށްދިނުމަށް ރަސްގެފާނުގެ އަމިއްލަ ހަރަދުގައިފަލަޞްޠީނުގެ 1000 މީހަކަށް ހަމަޖެއްސެވުމަށެވެ.
ސައުދީ އެރޭބިއާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް, ޝެއިޙް އަބްދުالله އާތިފް އަލް-ޝެއިޙް ވަނީ އެކަމާ ގުޅިގެން ރަސްގެފާނު އަދި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ ދީލަތިކަމަށް ޝުކުރުއަދާކުރައްވާފައެވެ. ޝެއިޙް އިތުރަށް ވިދާޅުވީ, މިއީ ފަލަޞްޠީނުގެ ރައްޔިތުންނަށްޓަަކައި ރަސްގެފާނު ބަހައްޓަވާ އޯގާތެރިކަމާއި އިސްލާމީ އަޙްވަންތަކަން ވަރުގަދަކުރެއްވުމަށް ރަސްގެފާނު ދެއްވާ އަހައްމިޔަތުގެ ރަމްޒެއް ކަމުގައެވެ.
ރަސްގެފާނުގެ އަމުރުފުޅާއެކު އެކަން ތަންފިޒުކުރުމުގެ ޕްލޭނެއް އެ ވަގުތުން ފެށިގެން އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ޝެއިޙް މައުލޫމާތު ދެއްވިއެވެ. އޭގެ ތެރޭގައި ފަލަޞްޠީނުގެ ބިމުން މައްކާ އަދި މަދީނާއަށް އައިސް, ތިބުމާއި އެކު ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުރިހާ އިންތިޒާމެއް, އެނބުރި ފަަލަޞްޠީނަށް ދިއުމާ ހަމައަށް ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓްރީން ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް






