
ޕީއެސްޖީގައި އޮތީ ދުނިޔޭގެ އެންމެ މޮޅު ސްކޮޑް: އެންރީކޭ
ޕެރިސް ސެއިންޓް-ޖެމައިން (ޕީއެސްޖީ) ގައި އޮތީ ދުނިޔޭގެ އެންމެ މޮޅު ސްކޮޑް ކަމަށް ބުނެ ކޯޗު ލުއިސް އެންރީކޭ ކްލަބަށް ތައުރީފުކޮށްފިއެވެ. އެންރީކޭ މިހެން ބުނެފައިވަނީ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި 5-4 ގެ އެގްރެގޭޓުން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދުމަށްފަހުއެވެ.
މިހާތަނަށް ޔޫރަޕްގެ ބޮޑު މުބާރާތެއް ކާމިޔާބު ކުރެވުފައިނުވާ ޕީއެސްޖީ ސެމީ ފައިނަލްގައި ބައްދަލުކުރާނީ އާސެނަލް ނުވަތަ ރެއާލް މެޑްރިޑް އާއެވެ.
ސްޕެއިންނަށް އުފަން އެންރީކޭ ޕީއެސްޖީއަށް ބަދަލުވީ ފަހުން ޕީއެސްޖީގެ ސްކޮޑަށް ވަނީ ބޮޑެތި ބަދަކުތަކެއް ގެނެސްފައެވެ. ފުޓްބޯޅައިގެ ބޮޑެތި ނަންނަށް ކަމުގައިވާ ލަޔަނަލް މެސީ, ނޭމާ އަދި ކީލިއަން އެމްބާޕޭ ކްލަބް ދޫކޮށް ގޮސްފައިވާއިރު ބަދަލުގައި ގެނައި ކުޅުންތެރިންނާއެކު ކްލަބް އޮތީ ރަނގަޅު ފޯމެއްގައި ކަމުގައި އެންރީކޭ ގަބޫލުކުރެއެވެ.
މި ސީޒަންގެ ފްރެންޗް ލީގު ހޯދުމާ ގާތަށް ޕޭއެސްޖީ ޖެހިލާފައިވާއިރު މިއީ ޗެޕްމިއަންސް ލީގުގައި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގަދަ އަށެއްގައި ޓީމް ހިމެނުނު ތިންވަނަ ފަހަރެވެ.
ރޭގެ މެޗުގައި އެސްޓަން ވިލާ ޕީއެސްޖީގެ މައްޗަށް ކުރިހޯދީ 3-2 ންނެވެ. ނަމަވެސް އެގްރެގޭޓުން ކުރިހޯދާ ޕީއެސްޖީ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
"އަހަންނަށް ހީވަނީ މިއީ ދުނިޔޭގައި އޮތް އެންމެ ރަނގަޅު ސްކޮޑް ހެން. ހަމައެކަނި ގޯލް ކީޕަރެއްނޫން. ޕީއެސްޖީ ކަހަލަ ކްލަބެއްގައި ހުންނައިރު ކޮލިޓީ ރަނގަޅު ކުޅުންތެރިން ތިބޭނެ. އަހަންނަށް ހީވަނީ ދެމެޗަށް ބަލާއިރު މިއީ އަހަރެމެންނަށް ހައްޤު މޮޅެއްހެން" އެމެޒަން ޕްރައިމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި އެންރީކޭ ބުނެފައި ވެއެވެ.
ރޭގެ މެޗުގެ 11 ވަނަ މިނިޓްގައި ޕިއެސްޖީއަށް ލީޑުނަގައިދިނީ އަޝްރަފް ހަކީމީއެވެ. އަދި ޑެމްބެލޭ ތަނަވަސްކޮށްދިން ފުތުޞަތުގައި 27 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިނީ ނުނޯ މެންޑޭޒްއެވެ. އެސްތަންވިލާއިން މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ތިން ގޯލް ކާމިޔާބުކޮށްގެންނެވެ.
ރިއެކްޝަންސް






