
ބަޔާނުން ލީގު ކާމިޔާބުކުރުމާއެކު ކޭން އަށް ތައްޓެއްގައި އަތްނުލެވި އޮތްއޮތުން ނިމުމަކަށް
އާދިއްތަ ދުވަހު ބަޔާން ލެވަކޫސަން އާއި ފްރެއިބާގް ކުޅުނު މެޗު އެއްވަރުވެ، ބަޔާން މިއުނިކުން ބުންޑަސްލީގާ ކާމިޔާބުކުރުމާއެކު ހެރީކޭންއަށް ތައްޓެއްގައި އަތްނުލެވި އޮތްނުލެވި އޮތްއޮތުން ނިމުމަކަށް އަތުވެއްޖެއެވެ. މިއީ 2010 ވަނަ އަހަރު ގައި ކޭން ގެ ސީނިއަރ ކެރިއަރު ފެށިފަހުން ލިބުނު ފުރަތަމަ ތައްޓެވެ .
ބަޔާނުން ހޮނިހިރު ދުވަހު އާރުބީ ލައިޕްޒިގް އަތުން މޮޅުވިނަމަ އެދުވަހުވެސް 31 އަހަރުގެ ކޭންއަށް ފުރަތަމަ މެޑަލް އަޅާލެވުނީހެވެ. ނަމަވެސް ސަސްޕެންޝަންގެ ސަބަބުން އެދުވަހު ކޭންއަށް މެޗުވަނީ ގެއްލިފައެވެ. ސީޒަންގައި ހޯދި ފަސްވަނަ ރީނދޫ ކާޑާއެކު ކޭންއަށް އެދުވަހުގެ މެޗު ބަލަން ޖެހުނީ ޓީމާ ވަކިންނެވެ. ލައިޕްޒިގް އަށް ނަތީޖާ އެއްވަރުކޮށްދިނީ 94 ވަނަ މިނިޓްގައި ޔޫސުފް ޕޮލްސެން އެވެ.
އާދިއްތަ ދުވަހު ބަޔާނުން އެންމެފަހުން ލީގު ކަށަވަރުކުރީ ދެވަނައިގައި އޮތް ބަޔާން ލެވަކޫސަން ފްރެއިބާގް އަތުން 2-2 ން އެއްވަރުވުމުންނެވެ. އެހެންކަމުން ބާކީ އޮތް ދެ މެޗުން 76 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ބަޔާންއާ އަރާހަމަކުރުމަކީ ނުވާނެ ކަމެކެވެ.
ލެވަކޫސަންގެ ޑްރޯއާއެކު ކޭން ކްލަބަށާއި ގައުމީޓީމަށް ކުޅެދިން 694 މެޗުންވެސް ތައްޓެއް ނުލިބި އޮތް އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ.
ކޭން ވަނީ ބަޔާނުން ލީގު ކަށަވަރުކުރުމުގެ ކުޑަ އިރުކޮޅެއްފަހުން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކަޅު ބެކްގްރައުންޑްގައި ޓްރޮފީ އިމޯޖީ ހިއްސާކޮށްފައެވެ. އަދި އޭގެ ފަހުން "އަހަރެމެން މީ ޗެމްޕިއަން" ލަވައެއްގޮތަށް ކިޔަމުން ވެސް ސްޓޯރީގައި ހިއްސާކޮށްފައި ވެއެވެ.
ކޭން ބަޔާނަށް ބަދަލުވީ ފާއިތުވި ސީޒަންގައެވެ. އެއީ ފާއިތުވި 13 އަހަރުގެ ތެރޭގައި ތައްޓެއްގައި އަތްނުލާ ބަޔާން ނިންމާލި ފުރަތަމަ ސީޒަނެވެ.ބަޔާން އަށް ކޭން ބަދަލުވި ފުރަތަމަ ސީޒަންގައިވެސް ޖަރުމަން ކަޕްގެ ފައިނަލަށް ވެސް ދަތުރުކުރިއެވެ. ނަމަވެސް ފައިނަލްގައި ބަޔާން ވީ ބައްޔެވެ.
އޭގެ ކުރިން ކޭން ޓޮޓެންހަމްއަށް ކުޅުނުއިރު، ޗެމްޕިއަންސް ލީގު ފައިނަލާއި، އިނގިރޭސި ލީގުކަޕުންވެސް ފައިނަލްގައި ޓޮޓެންހަމް ވަނީ ބަލިވެފައެވެ. އަދި އިނގިރޭސި ވިލާތާއެކު ދެ ޔޫރޯގެ ފައިނަލް އިންވެސް ވަނީ ބަލިވެފައެވެ.
ރިއެކްޝަންސް






