
ބާސެލޯނާ މޮޅުވެ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލްއާ ފަރަގު ކުޑަކޮށްފި
ސްޕެނިޝް ލަލީގާގާއި ރޭ ސެވިއްޔާ ބަލިކޮށް, ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ އޮތް ފަރަގު ބާސެލޯނާއިން ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ. މެޗުގެ 62 ވަނަ މިނިޓްގައި ބާސާގެ ފާމިން ލޮޕޭޒްއަށް ދެއްކި ރަތްކާޑާއެކު ކުޅުންތެރިއަކު މަދުކޮށް ކުޅުނު ބާސެލޯނާއިން މެޗު ކާމިޔާބުކުރީ 4-1 ންނެވެ.
މި ނަތީޖާ އާއެކު ބާސެލޯނާއަށް ތާވަލްގެ ތިންވަނަ ލިބެނީ 48 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ތާވަލްގެ އެންމެ ކުރީގައި 50 ޕޮއިންޓާއެކު އޮތް ރެއާލް މެޑްރިޑަށްވުރެ އެއްޕޮއިންޓް މަދުކޮށެވެ. ހޮނިހިރު ދުވަހު ރެއާލާއި އެތްލެޓިކޯ މެޑްރިޑް އެއްވަރުވެ, ބާސެލޯނާގެ މި ކާމިޔާބީއާއެކު ލީގުގެ ވާދަވެރިކަން މިވަނީ އަނެއްކާވެސް ބޮޑުވެފައެވެ.
މެޗުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ރޮބާޓް ލެވްންޑޮސްކީ އެވެ. އިނީގޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ބާސާއިން ލީޑުނެގީ މެޗުގެ ހަތްވަނަ މިނިޓްގައެވެ. ނަމަވެސް ޖެހިގެން އައި މިނިޓްގައި ސެވިއްޔާގެ ރުބެން ވާގަސްވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.
46 ވަނަ މިނިޓްގައި ބާސެލޯނާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ފާމިން ލޮޕޭޒް އެވެ. ގޯލްއޭރިއާގެ ބޭރުން ނަގައިދިން ބޯޅައެއް ހިތްގައިމު ކަމާއެކު ގޯލަށް އަމާޒުކޮށް 55 ވަނަ މިނިޓްގައި ބާސާއަށް ލީޑު ފުޅާކޮށްދިނީ ރަފީނިއާއެވެ.
މެޗުގެ ބޮޑު ބައެއް 10 ކުޅުންތެރިންނާއެކު ކުޅުނު ބާސެލޯނާގެ ގޯލަށް ނުރައްކާ ކުރާނެ ފުރުޞަތު ނުލިބި, އަދި ބާސާ ހުއްޓުވާނެ ގޭމްޕްލޭނެއްވެސް ނެތި އޮތް ސެވިއްޔާގެ ގޯލަށް ބާސެލޯނާގެ ހަތަރުވަނަ ގޯލް އަމާޒުކުރީ 89 ވަނަ މިނިޓްގައި އެރިކް ގާސިއާއެވެ.
ރިއެކްޝަންސް






