
ހެލްމެޓް އެޅުން ޤާނޫނުން މަނާ ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅާނަމަ ޗެކްކުރަނީ
ހެލްމެޓް އެޅުން ޤާނޫނުން މަނާ ނޫން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭނަމަ ބަލާފާސްކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިފަދަ ނިންމުމެއް ތަންފީޒު ކުރަން ފުލުހުން ނިންމީ ހެލްމެޓް އެޅުން ޤާނޫނުން ލާޒިމް ނޫން ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް, ކުށްކުށަށް އަރައިގަތުމަށް ހެލްމެޓް އެޅުން އިތުރުވަމުން ދިއުމުންނެވެ.
ހެލްމެޓް އަޅައިގެން ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިކުރާ ތަންތަނަށް ވަދެ ކުށްކުށަށް އަރައިގަންނަމުންދާކަން ފުލުހުން ފާހަގަކުރިއެވެ. އެކަން ހުއްޓުވުމަށް ހެލްމެޓް އެޅުން ލާޒިމް ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ފާރަވެރިވެ, ތުހުމަތުކުރެވޭ މީހުން ހުއްޓުވާ ބަލާފާސްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
" މިއީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ," ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޤަވާއިދުގައިވާ ގޮތުން ހެލްމެޓް އަޅަން ޖެހެނީ 30 ކިލޯ މީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ. މާލެ ސަރަހައްދުގައި ހެލްމެޓް އަޅަން ޖެހެނީ ހުޅުމާލެއަށް ދާ ހައިވޭގައެވެ.
ރިއެކްޝަންސް






