
މިއަހަރަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެންނަށް މިއަހަރު ޙައްޖަށް ދެވޭ: މިނިސްޓްރީ
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން މިއަހަރު ޙައްޖަށް ދިއުމަށްޓަކައި ހައްޖު ކޯޕަރޭޝަންގެ ކިއުގައިތިބި ހުރިހާ އެންމެނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރައީސް މުއިއްޒު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައި ވަނީ، ޒަމާންތަކަކަށް ފަހު އެއަހަރަކު ހައްޖަށް ދެވޭނެކަމަށް ކަނޑައަޅާ ކިއުގައި ތިބި އެންމެނަށް ހައްޖަށް ދިއުމުގެ ފުރުސަތު ފުރަތަމަ ލިބިގެންދާ އަހަރަކަށް މިއަހަރު ވެގެންދާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މެއި 26 ގައި ހާމަކުރައްވާނެ ކަމަށާއި، އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުންކުރާ ގޮތުގެ ތަފްސީލް ހާމަކުރަން ނިންމާފައިވާކަމަށެވެ.
ރާއްޖެއިން ހައްޖަށްދާ ފަރާތްތަކަށް ލުއިފަސޭހަގޮތްތަކެއް ހޯދައި ދިނުމަށްޓަކައި ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ފުރަތަމަ ފަހަރަށް ދިވެހި ހައްޖުވެރިންގެ ކަންތައްތައް މިއަހަރު ހަމަޖެހިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއިން ހައްޖުވެރީން ފުރާއިރު، ސައުދީގެ އިމިގްރޭޝަންގެ ކަންތައްތައް އޮންނާނާނީ ނިމިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދިވެހި ހައްޖުވެރިންގެ އެޑްވާންސް ޓީމް މިހާރު މައްކާއަށް ގޮސްފައިވާއިރު، ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް






