
ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް – ރައީސުލްޖުމްހޫރިއްޔާ
ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އަހަރު 2025 ފެށުމުގެ އުފަލުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާ މިއަދު ޢާއްމުކުރެއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ވަސީލަތްތަކާ ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ޙާޞިލްކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
" ދަރީންނަށް އާރުލާ ތަޢުލީމެއް ދެވޭނީ، މުޅި މުޖުތަމަޢުގެ ބައިވެރިވުން އެކަމުގައި އޮވެގެންނެވެ. ކުދީންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ މަތީގައި ދެމި ތިބޭން ބާރުލިބޭ ނަމޫނާތަކެއް އަޅުގަނޑުމެން އެންމެންވެސް ދައްކައިގެންނެވެ. ދަރިވަރުންގެ ޙައްޤުގައި ބެލެނިވެރީންނާއި އެދުރުގެތަކުންވެސް ގުޅިގެން މަސައްކަތްކޮށްގެންނެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެ އިތުރުންވެސް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބާރުއަޅުއްވިއެވެ. އަދި މި ފެށުނު ދިރާސީ އައު އަހަރު، ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުންވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ކަމަށްކަމޭ ހީކުރެއްވުމާއިއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. އަދި ބެލެނިވެރީންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވީ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއިއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. ދަރިވަރުންނަށް އެމަނިކުފާނު ދެއްވި ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ބަސްއަހާ ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށެވެ.
ރިއެކްޝަންސް






