
ދިގު ޗުއްޓީއަކަށްފަހު ސްކޫލުތަކުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފި
ގާތްގަޑަކަށް 40 ވަރަކަށް ދުވަހުގެ ދިގު ޗުއްޓީއަކަށްފަހު ރާއްޖޭގެ ސްކޫލުތަކުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ މިއަދު ސްކޫލުތަކުގެ ކިޔެވުން ފެށިއިރު ސްކޫލުތަކަށް ބޭނުންވާ އާސާސީ ހުރިހާ ވަސީލަތެއްވެސް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި، ކިޔަވައި ދޭ ޓީޗަރުން ހުރިހާ ސްކޫލަކަށްވެސް ހަމަކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިއަހަރަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެވަނަ ޓާމު ފެށޭނީ އޮގަސްޓު 10 ގައެވެ. އަދި ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 25 ގައެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމުގައި އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެއްކަމަކީ މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ދެ ބެޗް އޮންނަކަމެވެ. އެއީ މިދިޔަ އަހަރު ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ ދަރިވަރުންނާއި އަދި މިއަހަރު ގްރޭޑް 10 އަށް އަލަށް ބަދަލުވި ދަރި ވަރުންނެވެ.
މި ބަދަކީ މި ސަރުކާރުވެރިކަމަށް އައުމަށްފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރުމަށް އެކަޑަމިކް ކަލަންޑަރަށް ގެނެވުނު ބަދަލުގެ ތެރެއިން އައިސްފައިވާ ބަދަލެކެވެ. ސަރުކާރުން ވިދާޅުވެފައި ވަނީ އަންނަ އަހަރު ފެށިގެން ސްކޫލުތަކުގެ ބޮޑު ޗުއްޓީގެ ގޮތުގައި ހަމަޖެހިގެންދާނީ ޑިސެމްބަރު މަސް ކަމަށެވެ.
ރިއެކްޝަންސް






