
ފުލަމްއިން ލިވަޕޫލް ހަމަބިމަށް! ސިޓީއަށް ތާވަލްގެ ހަތަރުވަނައަށް އަރަން ލިބުނު ފުރުޞަތު ގެއްލުވާލައިފި
އިނގިރޭސި ޕްރިމިއަރ ލީގުގައި މެޗަކުން ބަލިނުވެ ލިވަޕޫލްއިން ދަމަހައްޓަމުން އައި ރެކޯޑް 26 މެޗު ފަހުން ފުލަމް އިން ގެއްލުވާލައިފިއެވެ. ފުލަމްއިން ލިވަޕޫލް ބަލިކުރީ 3-2 ންނެވެ. ރޭ މެންޗެސްޓަރ ޔުނައިޓަޑް އާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗު ގޯލެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ތާވަލްގެ ހަތަރުވަނައަށް އަރަން ލިބުން ފުރުޞަތު ސިޓީއަށް ވަނީ ގެއްލިފައެވެ.
މިއީ ލީގުގައި ލިވަޕޫލް މެޗަކުން ބަލިވި ދެވަނަ ފަހަރެވެ. ލީގު ނިމެން ހަތް މެޗަށް ވެފައިވާއިރު ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ 73 ޕޮއިންޓާއެކު 11 ޕޮއިންޓަގެ ލީޑެއްގައެވެ. ދެވަނަ އަދި ތިންވަނައިގައި އާސެނަލް އާއި ނޮޓިންގްހަމަ ފޮރެސްޓް އޮތްއިރު ޗެލްސީ ހަތަރު ވަނައިގައި އޮތީ 53 ޕޮއިންޓާއެކުއެވެ. ސިޓީ ތާވަލްގެ ފަސްވަނައިގައި އޮތީ ޗެލްސީއަށްވުރެ އެއް ޕޮއިންޓް މަދުކޮށެވެ.
މެޗުގެ 13 ވަނަ މިނިޓްގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ އެލެކްސިސް މެކް-އެލިސްޓރ އެވެ. ނަމަވެސް 23 ވަނަ މިނިޓްގައި ފުލަމް އިން ނަތީޖާ އެއްވަރުކުރުމާއި އެކު ޖެހިގެންއައި 14 މިނިޓްގެ ތެރޭގައި ވަނީ ލިވަޕޫލް ސިއްސުވާލާ 3-1 ށް ނަތީޖާ ބަދަލުކޮށްލާފައެވެ. ފުލަމްގެ ގޯލްތައް ކާމިޔާބުކުރީ ރަޔަން ސެސެގަން, އަލެކް ލްވޯބީ އަދި ރޮޑްރިގޭޒް މުނިޒް އެވެ.
ލިވަޕޫލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ 72 ވަނަ މިނިޓްގައި ޑޭވިޑް ލުއިޒްއެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ ފުރަތަމަ ހާފުގައި ހެދުނު ކަހަލަ މިސްޓޭކްތައް ތަކުރާރުވާނަމަ ލިވަޕޫލް އަށްވެސް ނުރައްކާ އެބައޮތްކަމަށެވެ. އަދި ފުލަމްއިން ޖެހި ތިން ގޯލަކީވެސް ހަގީގަތުގައި ޖެހިއަނުދީ ހިފެހިއްޓިދާނެ ގޯލްތަކެއް ކަމުގައެވެ. އަދި މިއީ ލިވަޕޫލްގެ ފެންވަރު ނޫންކަމުގައެވެ.
ސިޓީ އާއި ޔުނައިޓަޑް ވާދަކުރި މެޗުގައި ޔުނައިޓަޑްގެ ގޯލް ފޫއަޅުވާލާނެ ރަނގަޅު ދެ ފުރުޞަތެއް މިޞްރުގެ ފޯވާޑް އޮމަރް މަރްމޯޝްއަށް ލިބުނެވެ. ނަމަވެސް ދެފަހަރުވެސް ޔުނައިޓަޑްގެ ކީޕަރު އަންދްރޭ އޮނާނާ ވަނި ބޯޅަ ދިފާއުކޮށްފައެވެ.
ޔުނައިޓަޑް އަށް މާ ރަނގަޅު ފުރުޞަތެއް ތަނަވަސްކުރެވިފައި ނުވާއިރު ގޯލަކާ އެންމެ ކައިރިކުރީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޒުވާން ކުޅުންތެރިޔާ ޒާކްޒީއަށް ލިބުނު ފުރުޞަތެވެ.
ނަތީޖާއާއެކު މިސީޒަން ހުސްއަތާ ނިންމާލަން ޖެހިދާނެކަމުގެ ބިރުއޮތް ސިޓީއަށް ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށާވަރުކުރުމަށް ކުރަންޖެހޭ އިންތިޒާރު އަނެއްކާވެސް މިވަނީ ދިގުލައިގެން ގޮސްފައެވެ.
ރިއެކްޝަންސް






