އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފި

އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދީފި

9 hours ago - 18:45
Advertisement
Advertisement

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފިއެވެ.


ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ރަމްޒެއް ކަމަށެވެ. އަދި މި މުއްދަތު އިތުރުކޮށްދީފައިވަނީ ދިވެހި ސަރުކާރުން އެކަމަށް އެދުމުންނެވެ.


މި ކަރަންސީ ސްވޮޕް ފެސިލިޓީއަކީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ސޮއިކުރެވުނު "ސާކް ކަންޓްރީސް ކަރަންސީ ސްވޮޕް ފްރޭމްވޯކް" ގެ ދަށުން ދޫކުރެވުނު ފެސިލިޓީއެކެވެ. މީގެ ދަށުން ފުރަތަމަ 30 ބިލިއަން ރުޕީސް ދޫކޮށްފައިވަނީ 2026 އޭޕްރީލް 23 ގެ ނިޔަލަށެވެ. އަދި މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އިންޓްރެސްޓް ރޭޓް ފަދަ މުހިންމު ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރެއެވެ.


އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ނުވަތަ އަވައްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގައި ރާއްޖެއަށް ޚާއްސަ އިސްކަމެއް ދީފައިވާއިރު، 2012 ގައި ކަރަންސީ ސްވޮޕްގެ ޚިދުމަތް ފެށުނީއްސުރެ އާރްބީއައިއިން ވަނީ ޖުމުލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ސްވޮޕް އެހީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.


މީގެ އިތުރުން ވެސް، މާލީ އެހީތެރިކަން ދިނުމުގެ ގޮތުން އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޝަރީ ބޮންޑު ގަނެފައެވެ. އަދި ރާއްޖެއިން ސަބްސްކްރައިބް ކުރި 150 މިލިއަން ޑޮލަރުގެ ތިން ޓީބިލު މިހާރު ދައްކައި ނިންމާފައިވާއިރު، އެ ބިލްތަކަށް އެރި އިންޓްރެސްޓްގެ ގޮތުގައި 42.8 މިލިއަން އެމެރިކާ ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ. ހަމައެއާއެކު، ފާއިތުވި ސެޕްޓެމްބަރު މަހު ރާއްޖެއިން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލެއް ވެސް އަނބުރާ ދައްކައި ޚަލާސްކޮށްފައެވެ.


ސަރުކާރުން ފާހަގަކުރާ ގޮތުގައި، އަވައްޓެރި އިންޑިއާއިން ލިބޭ މިފަދަ މާލީ އެހީތެރިކަމަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި، ގައުމުގެ އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement