
ސިޓީ ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެންޑަރސަން ދޮގުކޮށްފި
މުޞްތަގުބަލުގައި މެންޗެސްޓަރ ސިޓީއާއެކު ހުރުމަށް ނިންމާފައިވާ ނިންމުން ބަދަލުނުވާކަމަށާއި އަންނަ ސިޒަނުގައިވެސް އޭނާ ފެނިގެންދާނީ ސިޓީން ކަމުގައި ގޯލް ކީޕަރު, ބްރެޒިލްގެ އެންޑަރސަން ބުނެފިއެވެ.
ސައުދީ ޕްރޯ ލީގުގެ ކްލަބަކުން އެންޑަރސަން އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި, ސިޓީ ދޫކޮށްލަށް އޭނާ އުޅޭ ކަމުގެ ވާހަކަތަކެއް މީގެ 12 މަސްކުރިންވެސް ވަނީ ފެންމަތިވެފައެވެ.
ނަމަވެސް އެފަހަރުވެސް 31 އަހަރުގެ އެންޑަރސަން ނިންމީ ކްލަބުގައި މަޑުކުރާށެވެ. ހޫނު މޫސުމުގެ ޓްރާންސްފަރ އާއެކު އެވާހަކަތައް އަނެއްކާވެސް ވައިގައި ހިފަންފެށުމާއެކު އެންޑަރސަން މިވަނީ ވައި ސާފުކޮށް އޭނާގެ ނިންމުން އަނެއާކާވެސް ހާމަކޮށްފައެވެ.
"އަހަރެންގެ ބޯ ހުރީ މިތާގައި. އެ ހުންނާނީ ސިޓީއާއެކު. އެއީ އަހަރެން ޕްރމިއަރ ލީގުގައި ހުންނަން ބޭނުންވާތީ. އަދި މިތާ ހުރެގެން އަހަންނަަށް ޗެމްޕިއަނސް ލީގުގައި ވެސް ކުޅެވޭނެތީ. އަހަރެން މިހުރީ ސިޓީއާއެކު" ކުރިމަގާ ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން އެންޑަރސަން ބުނެފައި ވެއެވެ.
މިދިޔަ ހޫނު މޫސުމުގައި އެންޑަރސަން އަށް ޝައުގުވެރިކަން ފާޅުކުރިކަމަށްބުނާ އެއް ކްލަބަކީ ސައުދީ ޕްރޯ ލީގުގެ އަލް-ނަޞްރެވެ. ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފަހުން ވަނީ އަލް-ނަޞްރުގެ ފަރާތުން އެއްބަސްވެވޭ ވަރުގެ ހުށަހެޅުމެއް ލިބިފައިނުވާކަމަށް ބުނެފައެވެ.
އެންޑަރސަން ސިޓީއާއެކު ވެފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބަ އޮތެވެ.
އެންޑަރސަން އިތުރަށް ބުނެފައިވަނީ އޭނާގެ ނަމާ ގުޅުވައިގެން ބައިވަރު "ފޭކް ނިއުސް" ދައުރުވަމުންދާ ކަމަށާއި އެއީ މީޑީއާ ތަކުން 'ލައިކްސް' ހޯދަންކުރާ ކަމެއްކަން އޭނާއަށް އެނގޭކަމަށެވެ.
ރިއެކްޝަންސް






