
އީރާނުން ދުވަހަކުވެސް އެމެރިކާއަށް އަމާން ނުދޭނެކަމަށް ޚާމަނާއީ ވިދާޅުވެއްޖެ
އެމެރިކާގެ ހަމަލާތަކުން އީރާނުގެ ނިއުލްލިއަރ ސައިޓްތަކަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް ވަނީ ވިދާޅުވެފައި
އީރާނުން ދުވަހަކުވެސް އެމެރިކާއަށް އަމާން ނުދޭނެކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ. ދޫނުދޭނެ ރާގުގައި ޚާމަނާއީ މިހެން ވިދާޅުވީ އިޒްރާއިލް-އީރާންގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަށްފަހު ދިން ފުރަތަމަ ހިޠާބުގައެވެ.
"އެމެރިކާގެ ރައީސް ވިދާޅުވި އޭނާގެ ކޮންމެވެސް ބަޔާނެއްގެ އީރާނުން އަމާންދޭން ޖެހޭނެ ކަމަށް. އާމާންދޭށޭ ތޯ! އެކަހަލަ ކަމެއް (އަމާން ދިނުން) ދުވަހަކުވެސް ނުވާނެ! އީރާނުން ދުވަހަކުވެސް އަމާން ނުދޭނެ" އީރާނުގެ ޤަައުމީ ޓީވީން ދެއްކި ހިޠާބުގައި މިއަދު ޚާމަނާއި ވިދާޅުވިއެވެ.
ޚާމަނާއީގެ ހިޠާބެއް އިވިފައި މިވަނީ 12 ދުވަސްވަންދެން އިޒާއިލްއާއި އީރާނާ ދެމެދު ބަދަލުކުރި ހަމަލާތައްް ހުއްޓާލިކަން ދެފަރާތުން އެއްބަސް ވީތާ ދެ ދުވަސް ފަހުންނެވެ. މިއީ ޒަމާންވީ ދެ ދުޝްމަނުންގެ މެދުގައި މިހާތަނަށް ކުރިއަށްދިޔަ އެންމެ ވަރުގަދަ ހަމަލާތަކެެވެ.
ހަނގުރާމަ ހިނގަމުން ދަނިކޮށް ޖޫން 19 ވަނަ ދުވަހުވެސް ޙާމަނާއި ވަނީ ހިޠާބެއް ދެއްވާފައެވެ. އެއީ އިޒްރާއިލް އާ ގުޅި, އެމެރިކާއިން އީރާނުގެ ފޯޑޯ, އިސްފަހާން އަދި ނަޓާންޒް ނިއުކްލިއަރ ސައިޓަތަކަށް ދިން ހަމަލާތަކުގައި އެތަންތައް އެކޮށް ހަލާކުކޮށްލާފައިވާކަމަށް އެމެރިކާއިން ފެތުރި ވާހަކަތަކައް ރައްދު ދިނުމުގެ ގޮތުންނެވެ.
އޭރު ޚާމަނާއި ވަނީ އެމެރިކާއިން އެހަމަލާގައި ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުވާކަމަށް ވިދާޅުވެފައެވެ. އަދި ޓްރަމްޕް އެވާހަކަ މާބޮޑުކޮށްލައިގެން ދެއްކީ ހަޤީގަތުގައިވެސް އޭގެ މަޤްސަދު ހާސިލްނުވާކަމަށް ޓްރަމްއަަށް ވެސް އެނގޭތީ ކަމަށް ޚާމަނާއި ވަނީ ވިދާޅުވެފައެވެ.
މަޞްރަޙް ފިނިކުރަން އެމެރިކާއިން ފޫގަޅާލީ އެ ހަމަލާއަށްފަހު ހަމަލާގެ ރައްދެއްގެ ގޮތުން އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު ވައިގެ އަސްކަރީ މަރުކަޒަށް ހަމަލާދިނުމާ ގުޅިގެންނެވެ. ނަމަވެސް ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަށް އީރާނުން ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޚާމަނާއިގެ ހިޠާބުގައި އިޒްރާއިލްއަށްވެސް ވަނީ އިންޒާރެއް ދީފައެވެ. އިޒްރާއިލް އިން ދެން އީރާނަށް ހަމަލާދީފި ނަމަ އޭގެ އަގަކީ ކޮބައިކަން އިޒްރާއިލްއަށް މިހާރު އެނގޭނެކަމަށްވެސް ޚާމަނާއީ ވަނީ ވިދާޅުވެފައެވެ.
ޚާމާނާއީ އިތުރަށް ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުނުލާ ކުރިއަށް ގެންދާނެކަމަށާއި, ނިއުކްލިއަރ ސައިޓްތަކުގައި އެއްވެސް ބުރުލެއްނެތި މިހާރުވެސް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގައެވެ.
12 ދުވަހަށް ދެމިގެންދިޔަ އިޒްރާއިލް-އީރާން ހަނގުރާމައިގައި އީރާނުގެ އާންމުންގެ 627 މީހަކު ޝަހީދުވެފައިވާކަމަށް އީރާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ރަސްމީ ހިސާބުތައް ދައްކާގޮތުން އީރާނުގެ ހަމަލާތަކުގައި އިޒްރާއިލްއިން މަރުވެފައިވަނީ 28 މީހެކެވެ.
ހަނގުރާމައިގައި ޝަހީދުވި އީރާންގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި, ނިއުކްލިއަރ ސައިންޓިސްޓުންގެ ޖަނާޒާ ހޮނިހިރު ދުވަހު ރަސްމީކޮށް އީރާނުގައި އޮންނާނެއެވެ.
ރިއެކްޝަންސް






