ނިކޯ ވިލިއަމްސްގެ ތަރި މެދު އުޑުގައި ފިޔަ ޖެހުމާއި, މައިންބަފައިން ކުރި ވޭނީ ހިތްދަތި ދަތުރު
ނިކޯ ވިލިއަމް ޔޫރޯގައި ލަނޑު ޖެހުމަށްފަހު: ފޮޓޯ-ޔުއެފާ

ނިކޯ ވިލިއަމްސްގެ ތަރި މެދު އުޑުގައި ފިޔަ ޖެހުމާއި, މައިންބަފައިން ކުރި ވޭނީ ހިތްދަތި ދަތުރު

ނިކޯ މިސީޒަންގައި ބާސެލޯނާއަށް ބަދަލެއް ނުވާނެ

27 days ago - 11:50
Aug 21, 2024 - 11:51

ޔޫރޯ-2024ގައި އާދަޔާ ޙިލާފަށް މޮޅު ކުޅުމެއް ދައްކާ, މުޅި ދުނިޔޭގެ ނަޒަރު އެ ކުޅުންތެރިއަކަށް ހުއްޓުނު ސްޕެއިންގެ ޤައުމީ ޓީމުގެ ލެފްޓް ވިންގަރ ނިކޯ ވިލިއަމްސް ނުވަތަ ވިލއަމްސް ޖޭ.އާރ އަށް ސްޕެނިޝް ލަލީގާގެ ބާސެލޯނާ އިން ފާރަލަމުން ދާތާ އެތައް ދުވަހެއްވެއްޖެ އެވެ. 2002 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހު އައިބީރިއަން ޕެނިންސިއުލާގެ ތާރީޚީ ސިޓީ, ސްޕެއިންގެ ޕަމްޕްލޯނާއަށް ވިލިއަމްސް އުފަންވީއިރު އެއީ ސްޕެއިންގެ ފަޚުރަކަށް ވެދާނެ ކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ. ނަމަވެސް, ވިލިއަމްސްގެ މިކާމިޔާބީ އާ ހަމައަށް ވާޞިލްވުމަށް އޭނާގެ މައިންބައިން ފުރާނައިން އަގުދައްކައިގެން ވީ ޤުރުބާނީ އަކީ މިއަދު މި ފެންނަ ނިކޯ ވިލިއަމްސްގެ ކާމިޔާބީގެ ހަޤީޤީ ސިއްރެވެ.

އުތުރު އެފްރިކާގެ ގަޢުމެއް ކަމަށްވާ ޤާނާގެ ދެމަފިރިއަކަށް ލިބުނު ނިކޮލަސް ވިލިއަމްސް އާތަރ އޭނާގެ ކެރިއަރު ފެށީ 2013 ވަނަ އަހަރު ސްޕެއިންގެ އެތްލެޓިކޯ ބިލްބާއޯގެ ޔޫތު އެކަޑެމީ އިންނެވެ. ވިލިއަމްސްގެ ތަރި އުދަރެހުގައި ވިދަންފެށީ އޭގެ 6 އަހަރު ފަހުންނެވެ. އެއީ 2020 ވަނަ އަހަރު ބިލްބާއޯ ރިޒަރވް ޓީމުން ފުރުޞަތު ލިބުނު ހިސާބުންނެވެ. ހަމަ އެއަހަރު ކްލަބުގެ ފުރަތަމަ ޓީމުން ޒުވާން އުމުރުގައި ޖާގަ ލިބުނެވެ. ވިލިއަމްސްގެ ބޭބެ އިނާކީ ވިލިއަމްސް އަކީވެސް އެތްލެޓިކޯ ބިލްބާއޯގެ ކުޅުންތެރިއެކެވެ. ވިލިއަމްސްގެ ބާރު ސްޕީޑާއި ޑްރިބްލް ކުރުމުގެ ހުނަރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާދަޔާ ހިލާފަށް ފާހަގަކުރެވި, 2022 ވަނަ އަހަރުގެ ވޯލްޑްކަޕަށް ނެގި ސްޕެއިން ސްކޮޑުންވެސް ވިލިއަމް އަށް ޖާގަ ލިބުނެވެ.

ސްޕެއިންގެ ޤަޢުމީ ޖޯޒީގައި ވިލިއަމްސްގެ ފުރަތަމަ ބައިނަލްއަޤްވާމީ މެޗް ކުޅުނީ 2022 ވަނަ އަހަރު ސްވިޒަލޭންޑާ ދެކޮޅަށެވެ. ނަމަވެސް ވިލިއަމްސްގެ ޖާދޫ ފެނުނީ މިއަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯގައެވެ. ޔުއެފާ ޔޫރޯ-2024 ގެ ތަށި ސްޕެއިން ކާމިޔާބުކުރުމުގައި ނިކޮލަސް ވިލިއަމްސްގެ ދައުރު އިންތިހާއަށް ބޮޑެވެ. އެންމެ ގިނަ ފަހަރު ޔޫރޯ ކާމިޔާބުކުރި ޓީމްގެ ޝަރަފް ސްޕެއިންއަށް ހޯދައިދޭން ހުރިހާ މެޗެއްގައިވެސް ވިލިއަމްސް މޮޅަށް ކުޅުނެވެ. ފައިނަލް މެޗްގައި އިނގިރޭސިން ކޮޅަށް ޖެހި ހިތްގައިމު ގޯލާއި އެކު ސްޕެއިން އަށް ލީޑް ނަގައިދިނީވެސް އޭނާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނިކޮލަސް ވިލިއަމްސްއަށް ހަގީގަތުގައިވެސް ހައްގުކަން އޭނާ ސާބިތުކޮށްދިނެވެ. އުމުރުން އެންމެ 22 އަހަރުގެ ވިލިއަމްސް ފާހަގަކުރެވިފައިވަނީ ދެއަރިމަތިންވެސް އިތުބާރާއެކު ކުޅޭ ދުވެލިބާރު ކުޅުންތެރިއެއްގެ ގޮތުގައެވެ.

Advertisement

ކޮންމެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފެށުމުގެ ކުރިން އެކަމަށް ވާސިލްވުމަށް ކުރާ ދަތުރުގައި ހިރާސްތަކެއްނަގާ, އުނދަގޫތަކެއް ތަޙައްމަލްކުރެއެވެ. ހަމައެގޮތަށް ހުނަރުވެރި ޒުވާން މި ކުޅުންތެރިޔާ ޔޫރަޕްގެ އެންމެ ޑިމާންޑްބޮޑު އެއް ކުޅުންތެރިޔާއަށް ބަދަލުވުމުގެ ކުރިން އެފަދަ އުނދަގޫ ދަތުރެއް ކުރިއެވެ. އެދަތުރުގެ މުހިއްމު އާރުކާޓީންނަކީ ހަގީގަތުގައި  ވިލިއަމްސްގެ މައިންބަފައިންނެވެ. ދަތި އުނދަގޫ ދިރިއުޅުމާއެކުވެސް ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި ވިލިއަމްސްގެ މަންމަ އާއި ބައްޕަ ކުރި އާދަޔާޚިލާފް ދަތުރާއި, ދިރިހުރުމަށް ކުރި ހިތްވަރާއި, ވީ ގުރުބާނީ އަކީ އަސަރުގަދަ ވާހަކައެކެވެ.

ޔޫރޯ-2024 ސްޕެންއަށް ކާމިޔާބުކޮށްދިނުމަށްފަހު ރަން މެޑަލް މަންމަގެ ކަރުގައި އަޅުވާ ދިނުމަށްފަހު ނޫސްވެރިންގެ ސުވާލަށް ޖަވާބުދެމުން ވިލިއަމްސް ބުނެފައި ވެއެވެ. "އާނ އެކެވެ! އަހަރެން ވަރަށް ބާރަށް ދުވަމެވެ. ނަމަވެސް އަހަރެންގެ މަންމައަށްވުރެ ބާރަށް އަހަންނަކަށް ނުދުވެވޭނެއެވެ. އެ މަންމަ އަހަންނަށްޓަކައި (މިއަދު ތިފެންނަ އަހަންނަށްޓަކައި) ހުސްފައިގައި ގާނާއިން ސްޕެއިންއަށް ހަނަފަސް ސަހަރާއެއް ކަޑައްތުކޮށް މަރުން ސަލާމަތްވެ ދަތުރުކުރި އެވެ. އަހަރެންގެ މި މެޑަލް ހައްގުވަނީ އަހަރެންގެ މަންމައަށެވެ".

ވިލިއަމްސްގެ މަންމަ, މާރިއާ އާތާ އަދި ބައްޕަ ފިލިކްސް ވިލިއަމްސް އަކީ ގާނާގެ މެދުތެރޭގައިވާ އަވަށެއް ކަމަށްވާ ބްރަންގް އަހަފޯއަށް ނިސްބަތްވާ ފަގީރު ދެމެފިރިއެކެވެ. މީގެ 30 އަހަރު ކުރިން, ވިލިއަމްސްގެ ބޭބެ އިނާކީ އަށް މާބަނޑުއިރު, ކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށްފެށި ދަތުރު ވީ އެދެމަރިންނަށް ކުރިމަތިކުރުވި އުނދަގޫ އިމްތިހާނަކަށެވެ. އެމީހުން ފުރަތަމަ ދާން ބޭނުންވީ އިނގިރޭސި ވިލާތަށް ނަމަވެސް ވިލިއަމްސްގެ ބައްޕަގެ ރައްޓެއްސެއް މެދުވެރިކޮށް ކުޑަ އަގެއްގައި ސްޕެއިންއަށް ވަގަށް އެތެރެކޮށްދޭނެ ކަމަށް ބަޔަކު ދިން ޔަޤީންކަމާއެކު މިސްރާބު ސްޕެއިންއަށް ބަދަލުކުރި އެވެ. އެމީހުން މުޅި އުމުރުގައި އެއްކުރި ފައިސާ ބަޔަކަށް ދީގެން 40 މީހުންނާއެކު ޓްރަކެއްގައި ގާނާއިން ފެށި ދަތުރު ބްރްކީނޯ ފަސޯ އިން މާލީ ހުރަސްކޮށް ގޮސް ސަހަރާގެ ވަކި ހިސާބަކުން ހާލުގައި ޖެހުނީ ފައިސާ ނެގި މީހުން އެހިސާބުން މަކަރުހަދާ ފިލުމުންނެވެ. އިންސާނީ ވަގުވިޔަފާރި ކުރާ ބައެއްގެ ޝިކާރައަށްވެ ބޯނެ ފެންފޮދެއްނެތި, ކާނެ އެއްޗެއްނެތި ސަހަރާގެ މެދުގައި ގަދަ ހޫނުގައި މަރުވާން ދުކޮށްލީއެވެ. 40-50 ޑިގްރީއަށް ވެލީގެ ހޫނުމިން ހުރި އެފްރިކާގެ ހަނަފަސް ސަހަރާގައި ފައިމަގުގައި ފައިވާނެއް ބޫޓެއްނެތި ހައިހޫނުކަމުގައި ހިނގާ, އެތައް ނުރައްކަލާ ކުރިމަތިލައިގެން އަދި ފުރާނަ އަތްމައްޗަށް ލާންޖެހުނު ހާދިޘާތަކާއެކު ސަހަރާ ކަޑައްތުކޮށް އަލްޖީރިއާއިން ދަތުރުކޮށް މޮރޮކޯ އާއި މެލިއްލާގެ (ސްޕެއިންގެ ބާރުގެ ދަށުގައި މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ އެފްރިކާގެ ސަރަޙައްދެއް) އިންވަކިކުރާ ފެންސަށް އަރާ މެލިއްލާއަށް ފޭބިއެވެ. އޭރު ވިލިއަމްސްގެ މަންމަ މާރިއާ ގެ ބަނޑަށް ހަތް މަހެވެ. އެ ދަތުރުގައި އެމީހުންނާއެކު ދަތުރުކުރި ބައެއްމީހުން މަރުވެ އެހަނަފަސްކަމުގެ ހިރަފުހުގައި އެމީހުންގެ ފަހުނޭވާ ދޫކޮށް އަލްވާދާއު ކިއެވެ. 

މެލިއްލާ އަށް އެތެރެވުމާއި އެކު ޤަވާއިދާ ޙިލާފަށް ބޯޑަރު ހުރަސްކުރި މައްސަލާގައި ވިލިއަމްސްގެ މައިންބަފައިން ހައްޔަރުކޮށް ޖަލަށްވެސް ލިއެވެ. އަދި ގަވާއިދާ ހިލާފަށް ސްޕެއިންއަށް އެތެރެވާ މީހުންނާ މެދު އަމަލުކުރާ އުސޫލުގެ ދަށުން ސްޕެއިންގެ ސަރުކާރުން އެމީހުންނަށް ދުވަހަކުވެސް އެނބުރި ސްޕެއިން އަށް ނާދެވޭގޮތަށް އަނބުރާ ގާނާއަށް ފޮނުވާލުމުގެ މަސައްކަތްފެށިއެވެ. ނަމަވެސް ކެތޮލިކް ފާދިރީއަކަށް ތަޢާރަފްވެވި ޤާނޫނީ ވަކީލެއް މެދުވެރިކޮށް އެތާގައި ތިބުމުގެ ލިޔެކިޔުންތައް އެދެމަފިރިން ހޯދިއެވެ. ވަކީލުގެ ލަފާގެ މަތިން އެމީހުންނަކީ ގާނާގެ ރައްޔިތުންކަމަށް ބުނާ ލިޔެކިޔުންތައް ވީދާލާ ލައިބީރިއާގެ އަހުލީ ހަނގުރާމައިން ހިމާޔަތް ހޯދަން ދަތުރުކުރާ ރެފިއުޖީން ކަމަށް ބުނެ އޮޅުވާލަން މަޖުބޫރުވިއެވެ. އެންމެ ފަހުން ސްޕެއިންގެ ސިޔާސީ ހިމާޔަތް ހޯދައިގެން މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ސްޕެއިންގެ ޕަމްޕްލޯނާގައި ވަޒަންވެރިވެ, 2013 ގައި ބިލްބާއޯއަށް ބަދަލުވަންދެން އެއާއިލާ ދިރިއުޅުނީ ޕަމްޕްލޯނާގައެވެ. ވިލިއަމްސް އުފަންވީ ސްޕެއިންނަށް ބަދަލުވިތާ 8 އަހަރުފަހުން ނަމަވެސް މިދެމަފިރިންގެ އާދަޔާހިލާފް ގުރުބާނީގެ ވާހަކަ އެމީހުންގެ ކުދިން ބޮޑެތިވަންދެން ސިއްރުކުރިއެވެ.

ކުދިން ލިބުމަށްފަހު އެކުދިންނަށް ރަނގަޅު ތަޢުލީމާއި ގަދަރުވެރި ދިރިއުޅުމަކަށްޓަކައި ބޭނުންވާ ޚަރަދުތައް ފޫބައްދަން އުނދަގޫވެ, ވަޒީފާ އަދާކުރުމަށްޓަކައި ވިލިއަމްސްގެ ބައްފަ ވަޒިފާ އަދާކުރުމަށް ލަންޑަނަށް ބަދަލުވިއިރު ވިލިއަމްސްގެ މަންމަ ދިޔައީ ސްޕެއިންގައި ޕާޓްޓައިމްކޮށް 3 ވަޒީފާ އަދާކުރަމުންނެވެ. މަންމަ ވަޒީފާއަށް ދާ ވަގުތުތަކުގައި ކުޑަކުޑަ ވިލިއަމްސް ބެލެއްޓީ އުމުރުން އެންމެ 8 އަހަރުގެ ބޭބެ, އިނާކީ އެވެ. 

2022 ވަނަ އަހަރު ވިލިއަމްސް އާ ބޭބެ އިނާކީ ގާނާގައި އެމީހުންގެ މައިންބަފައިން ދިރިއުޅުނު ސަރަޙައްދަށް ޒިޔާރަތްކުރިއެވެ. އަދި މާމަ އާއި ކާފަ އަދި އާއިލާގެ މެމްބަރުންނާވެސް ބައްދަލުކުރިއެވެ.  ވިލިއަމްސްގެ މައިންބަފައިން ދަރިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދަން ކުރި އަސަރުން ފުރިގެންވާ ދަތުރު ނިމި މިއަދު އާއިލާއިން ގުނަމުން ދަނީ އުފާވެރި ދުވަސްތަކެކެވެ. ވަގުތާއި ހާލަތަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫންކަމަށާއި, ދަތި އުނދަގޫތަކާއެކުވެސް ހިތާވަރާއެކު ވަރުގަދަ އަޒުމެއްގައި ފިސާރި ސާބިތުކަމާއެކު މަސައްކަތް ކޮށްފިނަމަ ހާލަތު ބަދަލުވާނެ ކަމުގެ ދިރިހުރި މިސާލަކީ މިއަދު ވިލިއަމްސްގެ ދެބެއިންގެ ކާމިޔާބެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow