
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބުރަށް ފުރުޞަތު ހުޅުވާލައިފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި އަދި ޖޫން މަހުގެ ތެރޭގައި ކަމަށެވެ.
މި ތަމްރީނުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11، 12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށާއި، އަދި މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވީ ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ލިބޭނީ އިންޓަވިއު ނިންމައި، ހުރިހާ ސެޝަނަކަށް ހާޒިރުވެ، ލިޔުމުގެ އިމްތިހާނުން ފާސްވާ ބައިވެރިންނަށް ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށްދާއިރު، އެހެން ތަންތަނުގައި އުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވެވޭނެކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމިކް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށްވެސް ގިނަ ޒުވާން ޚަޠީބުންތަކެއް އުފެދިފައިވާ އިރު މިއަދު ރާއްޖޭގެ ގިނަ މިސްކިތްތަކަކުން ޒުވާން ޚަޠީބުން ފެންނަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.
ރިއެކްޝަންސް






