ވަޒީރުންގެ "އަހާ" ފޯރަމް 3 ވަޒީރުންނާއެކު މިރޭ ބާއްވަނީ
ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރުމަށާއި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލީ މަޢުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމްގައި، މި ފަހަރު 3 ވުޒާރާއެއްގެ ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ, ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ޖުމްލަ ދެ ގަޑިއިރުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް ފެށޭނީ މިރޭ 21:00 ގައެވެ. މި ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެ ސީދާ ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ވެސް ވަޒީރުންނާ ސުވާލު ފޮނުވުމުގެ ފުރުޞަތު އާންމުންނަށް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





