
ގުޅިފަޅުން ގޯތިލިބުނު ފަރާތްތަކުގެ ރަޖިސްޓްރީ ދެތިން މަސްތެރޭ ހަވާލުކުރެވޭނެ: ރައީސް މުއިއްޒު
ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅާ ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ގުޅިފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގައި ހޮސްޕިޓަލާއި އެހެނިހެން މުހިންމު ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ހިމަނާފައެވެ. އަދި ބިމުގެ 21 އިންސައްތަ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރޭގެ ބައްދަލުވުމުގައި މާލޭ ސަރަހައްދުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އެހެން ސަރަހައްދުތަކާއި ގުޅޭގޮތުންވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ގިރާވަރު ފަޅުހިއްކުމަށް ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، އެ މަސައްކަތާއި ސަރުކާރުން ހަވާލުވެ، އެ ސަރަހައްދުންވެސް ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން މިއަހަރު ހިއްކަން ފަށައި، އަންނަ އަހަރު ނިންމުމަށް ރޭވިފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ.
މީގެ އިތުރުން ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭ ކަމަށާއި، އަދި އުތުރު ތިލަފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފައްޓަވައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރިއެކްޝަންސް






