
އެކްސްޕެޓް ސިސްޓަމާ ގުޅޭ އެއްބަސްވުމުގެ ހަޤީޤަތް ވަޒީރު އިހްސާން ސާފުކޮށްދެއްވައިފި
ރާއްޖެއަށް ބިދޭސީން ގެނައުމުގެ އެކްސްޕެޓް ސިސްޓަމާ ގުޅޭ ގޮތުން ކުރީ ސަރުކާރުން މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލު ދާޚިލީ ވަޒީރު ޢަލީ އިހްސާން ހާމަކޮށްދެއްވައިފިއެވެ.
ދާހިލީވަޒީރުގެ އިތުބާރުނެތްކަމަށް ހުށަހެޅިފައިވާ މައްސަލާގައި ދިފާޢުވުމަށް މަޖިލހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 2016 ވަނަ އަހަރު ސޮއިކުރި މި އެއްބަސްވުމުގައި 15 އަހަރަށް ސިސްޓަމް ބޭނުންކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން އެއްބަސްވުމާ ޚިލާފުވުމުން ބެސްޓިނެޓް ކުންފުނިން ވަނީ 13.7 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ތަކުރާރުކޮށް ސަރުކާރަށް ޑިމާންޑް ކޮށްފައެވެ. ނަމަވެސް، މި މައްސަލައަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮއްވައި ކުރީ ސަރުކާރު ނިމިގެން ދިޔަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާތީ، ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ކުރުމަށް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު އިޢުލާނުކުރެއްވިއެވެ. އަދި މި މައްސަލައިގައި މި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ދައުލަތަށް 500 އެތައް މިލިއަން ރުފިޔާ އިތުރަށް ފައިދާވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ މި ޖަލްސާގައި ވަޒީރު ވަނީ މި އެއްބަސްވުމާއި ގުޅޭ ތަފާތު ލިޔެކިޔުންތައް ދައްކަވަމުން އެ ލިޔެކިޔުންތަކާއި ގުޅޭ ފުރިހަމަ މަޢުލޫމާތުތަކެއް ތަރީހްތަކާއި އެކު މަޖިލިހާއި ހިއްސާކުރައްވާފައެވެ.
ރިއެކްޝަންސް






