
'ނަސްލީގޮތުން ދިމާކުރި' މައްސަލައިގައި މޮރީނިއޯ އާ ދެކޮޅަށް ޖިނާއީ މައްސަލަ ހުށަހެޅުމަށް ގަލަތަސަރާއީން ތައްޔާރުވަނީ
ތުރުކީގެ ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ގަލަތަސަރާއީގެ ކުޅުންތެރިންނަށް ނިސްބަތްކޮށް ބޭންނުންކުރި 'ނަސްލީ ތަފާތުކުރުން' ހިމެނޭ ބަސްތަކާ ގުޅިގެން ޖިނާއީ ކަމެއްގެ ގޮތުގައި އެމައްސަލަ ހުށަހަޅާނެކަމަށް ގަލަތަސަރާއިން ބުނެފިއެވެ. އެ ހާދިސާ ހިނގާ ދިޔައީ ތުރުކީ ސްޕަރލީގު ގައި ގަލަތަސަރާއީ އާއި ފެނަބާޗޭ ބައްދަލުކޮށް 0-0 ން އެވަރުވި މެޗުގައެވެ.
ކްލަބުން އެއީ ސީދާ ކޮންކަމަކާ ގުޅިގެން ކަން ބުނެފައި ނުވިނަމަވެސް މޮރީނިއޯ ވަނީ 'ގަލަތަސަރާއީގެ ބެންޗުގައި ތިބި ކުޅުންތެރިން ރާމާމަކުނުތަކެއް ފަދައިން ފުންމާ' ކަމުގައި ބުނެފައެވެ. އަދި ތުރުކީ ރެފްރީއެއް ހުރިނަމަ އެދުވަހުގެ ކަންތައް ނިމުނީ ކަމުގައިވެސް މޮރީނިއޯ ބުނެފައި ވެއެވެ.
ހޯމަ ދުވަހު ކުޅުނު މި މެޗުގައި ސްލޮވީނިއާގެ ރެފްރީ, ސްލަވްކޯ ވިންސިޗް ރެފްރީކަން ކުރީ ދެ ކްލަބުންވެސް ޤައުމުން ބޭރުގެ ރެފްރީއެއް އެދުވަހު ބެހެއްޓުމަށް އެދުމުންނެވެ.
މެޗަށްފަހު ގަލަތަސަރާއީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޮރީނިއޯ ފެނަބާޗޭގެ ކޯޗުގެ މަޤާމާ ހަވާލުވީއްސުރެ އަންނަނީ ތުރުކީގެ މީހުންނަށް ނިސްބަތްކޮށް އިހާނެތި އަދި ފުރައްސާރަ އެކުލެވޭ ބަސްތައް ތަކުރާރުކޮށް ބޭނުންކުރަމުން ކަމުގައެވެ.
"މިއަދު އެބީދައިން އިންސާނީ ޤަދަރު ނެތިދާފަދަ ބަސްތައް ބުނުމުގައި އޭނާގެ ބުނުންތައް ޤަބޫލުނުކުރޭނެ ދަރަޖައަށް އެ ދިޔައީ. އެހެންވެ ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލައިގައި ޖިނާއީ ގޮތުން މައްސަލަ ކުރިއަށް ގެންދާނެކަން އަހަރެމެން ރަސްމީކޮށް އިއުލާންކުރަން. ކްލަބުން ހޯސޭ މޮރީނިއޯ އާ ދެކޮޅަށް ޔުއެފާ އަދި ފީފާ ގައިވެސް މައްސަލަ ޖައްސާނަން" ގަލަތަސަރާއިން ބުނެފައި ވެއެވެ.
ކުރިން ޗެލްސީ, މެންޗެސްޓަރ ޔުނައިޓަޑް އަދި ޓޮޓެންހަމްގެ ކޯޗުކަންވެސް ކޮށްފައިވާ މޮރީނިއޯ ވަނީ މީގެކުރިންވެސް ތުރުކީގެ މެޗް އޮފިޝަލުންނާ ދިމާކުރި މައްސަލައެއްގައި ސަސްޕެންޑް ކޮށްފައިވެއެވެ.
ރިއެކްޝަންސް






