ރޭ އޮސަސޫނާއާ ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ބާސެލޯނާގެ ޑޮކްޓަރުގެ ކުއްލި މަރުގެ ސަބަބުން
ބާސާގެ ފުރަތަމަ ޓީމުގެ ޑޮކްޓަރު ކާލޮސް އޭނާ މަރުވީ ކުއްލިއަކަށް

ރޭ އޮސަސޫނާއާ ބައްދަލުކުރަން އޮތް މެޗު ފަސްކުރީ ބާސެލޯނާގެ ޑޮކްޓަރުގެ ކުއްލި މަރުގެ ސަބަބުން

16 hours ago - 10:25
Mar 9, 2025 - 10:53

ރޭ ސްޕެނިޝް ލަލީގާގައި އޮސަސޫނާއާ ބާސެލޯނާ ބައްދަލުކުރަން އޮތް މެޗު ބާސެލޯނާގެ ޑޮކްޓަރުގެ ކުއްލި މަރާއެކު ފަސްކޮށްފިއެވެ. މެޗު ފަސްކޮށްފައިވަނީ ފެށުމުގެ އެންމެ 20 މިނިޓްކުރިންނެވެ. 

53 އަހަރުގެ ކާލޮސް މިނާރޯ ގާސިއާ އަކީ ބާސެލޯނާގެ ފުރަތަމަ ޓީމުގެ ޑޮކްޓަރެވެ. 2017 ވަނަ އަހަރުންފެށިގެން ބާސެލޯނާއާއެކު މަސައްކަތް ކުރަމުންއަންނަ ކާލޮސް ފުރަތަމަ ޓީމާއެކު މަސައްކަތްކުރަން ފެށީ ފާއިތިވި ހޫނު މޫސުމުން ފެށިގެންނެވެ.

"އަހަރެމެންގެ ފުރަތަމަ ޓީމްގެ ޑޮކްޓަރު ކާލޮސް މިނާރޯ ގާސިއާގެ މަރުގެ ޚަބަރު ބާސެލޯނާ އިން މި އިއުލާން ކުރަނީ ފުން ހިތާމައާއެކު. މެޗް ފަސްކުރެވުނީ އެހެންވެ. ބާސެލޯނާގެ ޑިރެކްޓަރުންގެ ބޯޑާއި ހުރިހާ މުވައްޒަފުންގެ ފަރާތުން ގާސިއާގެ އާއިލާ އަދި ރަޙްމަތްތެރިންނަށް ހިތުގެ އިޙްލާސްތެރި ތައުޒިޔާ ދަންނަވަން" ކްލަބުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހަބަރުތައް ބުނާގޮތުން ކުޅުންތެރިންނަށް ގާސިއާގެ މަރުގެ ހަބަރު ލިބުނީ އޮސަސޫނާ އާ ދެކޮޅަށް ކުޅޭ މެޗަށް އޮލިމްޕިކް ސްޓޭޑިއަމް އަށް އައިތަނާއެވެ. އެދުވަހު މެންދުރު ކާލޮސް ކެއީވެސް ކުޅުންނެރިންނާއެކު އޭނާ އާއި ޓީމްވެސް ތިބޭ ހޮޓަލުގައެވެ.

Advertisement
Advertisement

ކްލަބުން ނެރުނު ވީޑިއޯގައި ބާސެލޯނާގެ ރައީސް, ޖޮއާން ލަޕޯޓާ ބުނީ ކާލޮސްގެ މަރާއެކު އެމީހުން ތިބީ ޝޮކެއްގައި ކަމަށާއި ކާލޮސް އަކީ އެންމެންގެ ލޯބި ހޯދާފައިވާ ފަރާތެއް ކަމުގައެވެ.

"ކޮންމެ މެޗަކަށް ޓީމާއެކު ދަތުރުކޮށް, ކޮންމެ މެޗެއްގެ ކުޅުންތެރިންގެ ކަންކަން ވަކިވަކިން ބަލާނެ. އެއްވެސް މީހަކަށް އޭނާ ނޫނެކޭ ނުބުނާނެ. އޭނާ އަކީ ވަރަށް ފްރޮފެޝަނަލް އަދި އެހާމެ މޮޅު ޑޮކްޓަރެއް. އަހަރެމެން އެންމެ މިތިބީ އިންތިހާއަށް ދެރަވެފަ" ލަޕޯޓާ ބުނެފައި ވެއެވެ.

ބާސެލޯނާއިން ބުނީ އެންމެފަހު ވަގުތު މެޗު ފަސްކުރަން ޖެހުމުން ފުޓްބޯޅައިގެ އަދި ކްލަބްގެ ސަޕޯޓަރުންވެސް އެކަން ބަލައިގަތުމަށް އެދޭކަމުގައެވެ. ލަލީގާގެ ރައީސް އާއި އޮސަސޫނާގެ ފަރާތުން ލިބުނު އެއްބާރުލުމަށްވެސް ބާސެލޯނާގެ ބަޔާނުގައި ޝުކުރު އަދާކޮށްފައި ވެއެވެ.

ރޭ މެޗު ފަސްކުރި އިރު ގިނަ ސަޕޯޓަރުންވެސް ތިބީ ދަނޑަށް ވަދެއެވެ. ނަމަވެސް މެޗު ފަސްކުރި ހަބަރު ދަނޑުގައި އާންމުކުރުމާއެކު ސަޕޯޓަރުން އިޙްތިރާމާއެކު ނިކުމެގެންދިޔަތަން ފެނިގެންދިޔައެވެ. ރެއާލް މެޑްރިޑް އަދި ލީގުގައި ވާދަކުރާ އެހެން ކަލްބްތަކުންވެސް ވަނީ ކާލޮސްގެ މަރާއެކު ބާސެލޯނާ އަށާއި އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow