
މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން 14 އައިސްޕްލާންޓް މިފްކޯގެ ދަށަށް
މައްސަލަ ޖެހިފައިވާ އައިސްޕްލާންތްތައް އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއް ދެއްވާ
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުންދިޔަ 14 އައިސްޕްލާންޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) ގެ ދަށަށް ބަދަލުކޮށްފިއެވެ.
މިއަދު މިފްކޯގެ ދަށަށް ބަދަލުކުރީ ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ދާންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، އަދި ގދ. ފިޔޮރީގެ އިތުރުން ސ. ހިތަދޫގައި ގާއިމު ކޮށްފައިވާ އައިސްޕްލާންޓްތަކެވެ.
މިފްކޯއިން ބުނީ މި ހުރިހާ އައިސްޕްލާންޓެއް ފުލް އޮޕަރޭޝަން ކެޕޭސިޓީއަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރުންނާއި ޓެކްނިކަލް މުވައްޒަފުން ކުރަމުންދާ ކަމަށެވެ. މިއީ މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެކުން ފުނިން ބުންޏެވެ.
މިއަހަރަށް ރައްޔިތުން މަޖިލސް ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިއަހަރު ތެރޭގައި އިތުރު 9 ރަށެއްގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި 100 ދޯނީގައި އާރު.އެސް.ޑަބްލިޔު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވެސް ވިދާޅުވެފައި ވަނީ މަސްވެރިންނަށް ދަތިވެފައިވާ އައިސް ލިބުމުގެ މައްސަލައަށް އަވަސް ހައްލުތަކެއް ހޯދުމަށް އެ ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ހުރިހާ މަސައްކަތްތަކަކީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް ވާއިރު މިދުވަސްވަރު ޖުމުލަކޮށް މުޅި ރާއްޖޭގެ މަސްވެރިކަންވެސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
ރިއެކްޝަންސް






