
ރައީސް އޭދަފުށްޓަށް: ޔަގީންކަމާއި އާ ވައުދުތައް
މަގު ހެދުމުގެ ދެވަނަ ފިޔަވަހި މިއަހަރު ފަށާނެ
ބ.އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ވެރިކަންކުރާ ރަށް އޭދަފުށްޓަށް ވަޑައިގެން ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަމާއެކު އާ ވައުދުތައް ވެވަޑައިގެންފިއެވެ.
އޭދަފުށްޓަށް ވަޑައިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި މުހިއްމު ދެ މަޝްރޫއެއް ފަށަން އެއްބަސްވުމުގައި ސޮއިކުރިއެވެ. އެއީ އަތޮޅު ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުމަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމާއި ގައުމީ ޔުނިވަރސިޓީގެ ކެމްޕަސް އެޅުމުގެ އެއްބަސްވުމެވެ. މިއީ ރައީސް އޭދަފުށްޓަށް ވެވަޑައިގެންފައިވާ ވައުދެވެ. ހޮސްޕިޓަލް އާއިމާރާތުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް ގާއިމްކޮށްގެން އެބިނާކުރެވެނީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިއްމު ފެސިލިޓީއެއް ކަމަށެވެ. އެމަދސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އޭދަފުށީ ހައުސިންގ ޔުނިޓް މަޝްރޫއު މިއަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
"އަޅުގަނޑުމެން ސޮއިކޮއްފައި ވާނެ، ބޭރުފަރާތަކާ އެކީގައި މި ރަށުގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުތެރޭގައި ފަށައި އަޅުގަނޑުމެން ސޮއިކުރިގޮތަށް، މިދައުރު ތެރޭ ތިބޭފުޅުންނަށް ފޯރުކޮއްދޭނަން."
އޭދަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވައްސެއް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ވިދާޅުވީ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ވަނީ ފަށަން ތައްޔާރުވެފައި ކަމަށާއި އެމަޝްރޫއު ނިމޭއިރު އޭދަފުށީގެ ހުރިހާ މަގެއް ހެދޭނެ ކަމަށެވެ.
އޭދަފުށި ބަނދަރުގެ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އެމަސައްކަތްތައް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ކޮންވެންޝަން ސެންޓަރެއް އަޅައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަހަރު އޭދަފުށީގައި ޑޮލަރު އޭޓީއެމް ގާއިމް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ކުޅިވަރުގެ ދާއިރާއިން ރައީސް ވިދާޅުވީ އޭދަފުށީގައި އިންޑޯ ކުޅިވަރު ކުޅެވޭ ގޮތަށް އިންޑޯ މަލްޓި ކޮމްޕްލެކްސްއެއް ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެތަނުގައި ފުރިހަމަ ފެސިލިޓީސް ހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ތަފްސީލަށް ވަޑައިގެން ވިދާޅުވީ އެކޮމްޕްލެކްސްގައި 1200 މީހުންނަށް ބަލަން ތިބެވޭނެ ކަމަށާއި ޗޭންޖިންގ ރޫމްވެސް ހުންނާނެ ކަމަށެވެ. ކުޅިވަރުގެ ވަސީލަތްތައް އޭދަފުށީގައި ހުންނާނީ އާބަން ސެންޓަރެއްގައި ހުންނާނެ ވަރަށް ކަމަށް ވިދާޅުވިއެވެ.
ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ވިދާޅުވެ އެލިސްޓްގައި އޭދަފުށި ހިމެނޭނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ރިއެކްޝަންސް






