
މަތީ ތަޢުލީމީ ލޯނުތައް އިސްލާމީ ޝަރީޢާއަށް ފައްތާ އިތުރަށް ފައިސާ ނުނަގަން ރައީސް ނިންމަވައިފި
ސްޓޫޑަންޓް ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ %1 އުނިކޮށް ތަޢުލީމީ ލޯނުތަކަކީ ޝަރީޢާއާއި އެއްގޮތްވާ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނުގެ މި ނިންމެވުން ހާމަކުރެއްވީ މިރޭ ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނުތަކަކީ އިސްލާމީ ޝަރީޢާއާ އެއްގޮތްވާ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
މި ނިންމެވުމުގެ ދަށުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނުތަކުގައި ހިމެނޭ %1 އެޑްމިނިސްޓްރޭޓިވް ފީ އެއްކޮށް އުނިކުރެވޭނެކަމަށާއި، އަދި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް އިތުރު ޗާޖެއް ނުނެގުމަށްނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިން ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް މި ބަދަލު ގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އެ ފަރާތްތަކުން ދައްކަން ހުރި ފައިސާއިން އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، ލޯނުގެ އަދަދުތައް އަލުން އެޖަސްޓްކުރެވޭނެކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






