މާލޭގެ ވެޓް މާކެޓް ތަރައްގީކުރުމަށް ބިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި
މާލޭ ސިޓީގެ ވެޓް މާކެޓް މަޝްރޫއު ތަރައްގީކޮށް ނިންމުމަށްފަހު އަލުން ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް، އެ މަސައްކަތަށް ބޭނުންވާ ބިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މި ގަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު މި ގަރާރަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައިވެއެވެ. ނަމަވެސް 5 ކައުންސިލަރަކު މި ގަރާރަށް ވޯޓެއް ނުދެއްވައެވެ.
މި ގަރާރާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ސާފުތާހިރުކަމާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެތަން ވީހާވެސް އަވަހަށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
ފާސްކުރި ގަރާރުގައިވާ ގޮތުން ވެޓް މާކެޓު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓު ސަރަހައްދުގެ 17,558 އަކަފޫޓުގެ ބިމުގައެވެ. ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމައި އަލުން ކައުންސިލާ ހަވާލުކުރަންޖެހޭއިރު، އިމާރާތުގެ ކުރެހުންތައް ހިއްސާކުރުމަށާއި ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވަނީ ޝަރުތުކޮށްފައެވެ. އަދި މިހާރު އެ ސަރަހައްދުގައި ތިބި ވިޔަފާރިވެރިންނަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫއަކީ 5 ފްލޯގެ ޒަމާނީ "ވެޓް މާކެޓް ކޮމްޕްލެކްސް" އެއް އެޅުމަށް ރާވާފައިވާ މަޝްރޫއެކެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކުރާއިރު، ގްރައުންޑް ފްލޯގައި މަސްމާރުކޭޓު، ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓު އަދި ހަތަރުވަނަ ފްލޯގައި ފުޑް ކޯޓެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވަނީ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ. މިއަދު ފާސްކުރި ގަރާރާއެކު، މާލޭގެ އުތުރު ފަރާތު މާރުކޭޓު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަށް މިވަނީ އިތުރު ކުރިއެރުމެއް ލިބިފައެވެ.
ރިއެކްޝަންސް





