އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައި.ޔޫ.އެމް ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައި.ޔޫ.އެމް ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

2 hours ago - 08:08
Advertisement
Advertisement

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް) އާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.


މިއަދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި އިސްލާމީ ޔުނިވާސިޓީ ގުޅިގެން ދިރާސާއެއް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު" ދެނެގަތުމުގެ މައްޗަށް ބިނާކޮށް ހަދާ އިލްމީ ދިރާސާއެކެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.


މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ އިސްލާމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ "ޢިލްމީ ކުރިއެރުމާ ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ" އާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމަކީ އެ މަހާސިންތާގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލް ޙަކީމް އެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާ އެވެ.


މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޖުތިމާޢީ އަދި ދީނީ ކަންކަމާ ގުޅޭގޮތުން ޢިލްމީ ދިރާސާތައް ކުރުމަށް މަގުފަހިކުރުމާއި، އިސްލާމީ ތަޢުލީމާއި ބައިނަލްއަޤުވާމީ ފެންވަރުގެ ޢިލްމީ މަހާސިންތާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޢިލްމީ ދިރާސާތަކަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދެއްވާ އަހައްމިއްޔަތު ހާމަވެގެންދާ ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement