މިނިވަން ވިޔަފާރީގެ އެއްބަސްވުން އިންޑިއާއާއެކު މިއަހަރު ގާއިމުކުރެވޭނެ: މިނިސްޓަރ ސަޢީދު
މިއަހަރުގެ ނިޔަލަށް ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ޤާއިމްކުރެވޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮމްޕަންޓް އެންޑް ޓްރާންސްޕޯޓް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރުމަށް މަސައްކަތްކުރާ މި އެއްބަސްވުމުގެ 'ޓާމްސް އޮފް ރިފަރެންސް' (ޓީއޯއާރް) ގައި މިއަހަރުގެ މާރިޗު މަހު ސޮއިކޮށްފައިވާއިރު، މިއީ ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވިގޮތުގައި، ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުންނަށް އިޤްތިޞާދީ ފުރިހަމަ ފުރުޞަތުތައް ހޯދައިދިނުމާއި ރާއްޖެ ޑިޖިޓަލް އިޤްތިޞާދެއްގެ ތެރެއަށް ވަދެގެންދިއުމެވެ.
މީގެއިތުރުން، އައިޓީއާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިންޑިއާގެ ބޮޑު މާކެޓުން، ސޮފްޓްވެއަރއާއި އެޕްލިކޭޝަން އުފައްދާ ދިވެހި ޒުވާނުންނަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ޔޫޕީއައިގެ ޚިދުމަތްވެސް ފަށާފައިވާއިރު، ރާއްޖޭގެ މާކެޓުގެ ރައްކާތެރިކަން ދަމަހައްޓައިގެން ހަމަހަމަ އުޞޫލަކުން މި އެއްބަސްވުން ކުރިއަށްދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ރިއެކްޝަންސް

