ދުވާލަކު އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަން: ބީއެމްއެލް

ދުވާލަކު އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަން: ބީއެމްއެލް

1 hour ago - 11:15
Aug 11, 2026 - 11:16
Advertisement
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް އެ ބޭންކުގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ މުޙައްމަދު ސައީދު ހާމަކުރައްވައިފިއެވެ.


ސަޢީދު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދިޔަ ނަމަވެސް، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށެވެ.


އެގޮތުން، މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ޤައުމީ އިޤްތިޞާދަށާއި ވިޔަފާރިތަކަށް 9 ބިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ ކޮންމެ ދުވަހަކަށް، ހުކުރު، އީދު، ހަމަ ކޮންމެ ދުވަހަކަށް މިދަނީ 2.7 މިލިއަން ޑޮލަރު ކޮންމެ ދުވަހަކު ވިއްކަމުން. މީގެތެރޭގައި ކާޑު ޓްރާންސެކްޝަންތަކާއި ވިޔަފާރިތަކަށް ދޫކުރާ ޓީޓީއަށް ދޫކުރާ ޑޮލަރުވެސް ހިމެނޭނެ،" ސަޢީދު ވިދާޅުވިއެވެ.
ބޭރު ފައިސާގެ ޚިދުމަތްތަކުގެ ތަފްޞީލަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުމްލަ 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ޓީޓީ މެދުވެރިކޮށް ވިއްކި 166 މިލިއަން ޑޮލަރާއި، ކާޑު މުޢާމަލާތްތަކަށް ދޫކުރި 226 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކާޑު މުޢާމަލާތްތަކަށް ކުރި ހޭދަ 29 އިންސައްތަ އިތުރުވުމެކެވެ. އަދި ރޭމިޓެންސް މުޢާމަލާތްތައްވެސް ވަނީ 20 އިންސައްތައަށް އިތުރުވެފައެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް 1.2 މިލިއަން ޑޮލަރު ނަގަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. ވޭތުވެދިޔަ ހަ މަސްދުވަހު އެކަނިވެސް އޭޓީއެމްތަކުން 188 މިލިއަން ޑޮލަރު ނަގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތިން އަހަރު ކުރިން މާލެ ސަރަހައްދުގެ އޭޓީއެމްތަކުން ދުވާލަކު ނަގަމުންދިޔަ 6 ލައްކަ ޑޮލަރާ އަޅާބަލާއިރު، އަތޮޅުތެރެއަށް ޚިދުމަތް ފުޅާވުމާއެކު މި އަދަދު ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement