
މޫސުމީ ބަދަލުތަކާ ދެކޮޅަށް އީޖާދީ ޙައްލުތަކެއް ހޯދަން ނައިބުރައީސް ގޮވާލައްވައިފި
މޫސުމީ ބަދަލުތަކާ ދެކޮޅަށް އީޖާދީ ޙައްލުތަކެއް ހޯދަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގޮވާލެއްވުން އަމާޒުކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީސަފުގައި ތިބެގެން ހަރަކާތްތެރިވާންޖެހޭ ފަރާތްތަކަށެވެ. އެމަނިކުފާނު ގޮވާލެއްވީ އީޖާދީ ޙައްލުތައް ހޯދުމަށް، މިހާރުގެ ޙާލަތަށްވުރެ ފުޅާކޮށް އަދި ޙާލަތުން ބޭރުން ވިސްނުމަށެވެ.
ރަސްމިއްޔާތުގައި، ޚާއްޞަ މެހުމާނެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސްކަމަކީ، ދިރިއުޅުމުގެ ޙަޤީޤަތަކަށް ވެފައިވާ ކަމަށެވެ. ދިމާވާ ގޮންޖެހުންތަކާއެކުވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާމަސައްކަތުގައި ދިވެހިރާއްޖެއިން އެންމެކުރީސަފުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޚާއްޞަ ނާޒުކުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ "ތަރޑް ނެޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން" (އެން.ޑީ.ސީ) އާއެކު ފަހުން އިޢުލާނުކުރި، "2024-2033 އެނަރޖީ ރޯޑްމެޕް" ގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވައިލެއްވިއެވެ. މި ޕްލޭންގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ވަނީ އަމާޒެއް ކަނޑައަޅާފައެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވިދާޅުވީ އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކުން ކުރިމަތިލާންޖެހިފައިވާ ހުރަސްތަކަކީ އީޖާދީ ޚިޔާލުތަކުގެ މަގެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމްއަކީ ޖަޒީރާ ޤައުމުތަކަށް މަޢުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ޙަރަކާތްތައް ވިލަރެސްކުރުމަށް މުހިންމު މަންޞައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގައި ޕޮލިސީ މާހިރުން، ޔުޓިލިޓީ ލީޑަރުން، އަދި މުޖުތަމަޢުގެ ހައްލުތަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ޖަޒީރާ ޤައުމުތަކަށް، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވުމާއި ސާފު ހަކަތައިގެ ޙައްލުތައް ތަންފީޒުކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން ބޭރަށް ނިކުމެ ވިސްނުމަށާއި، މުޖުތަމަޢުތަކަށް ބަދަލުގެނެވޭފަދަ، ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެފަދަ އީޖާދީ ސިޔާސަތުތަކާއި، މާލީ އެހީ ހޯދުމުގެ ނިޒާމްތަކަށް އަމާޒު ހިފުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރިއެކްޝަންސް






