
މަސްދަޅު ހޯދަން ކިޔުގަ ފުވައްމުލަކު މީހުން ޖެހޭކަށް ނުޖެހޭނެ. ގޭގެއަށް ގެންގޮސްދެނީ!
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކު ގެ ގެތަކަށް މަސްދަޅު ބެހުމުގެ މަސައްކަތް މިއަދު ހަވީރު އެމް.ޓީ.ސީ.ސީން ވަނީ ފެށުމަށް ނިންމާފައެވެ.
ފުވައްމުލަކުގެ ގެތަކަށް މަސްދަޅު ކޭސް ގެންގޮސްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީ.އެން.ސީގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ ކިޔުގައި ޖެހިގެން މަސްދަޅު ކޭސް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އެރައްޔިތުންނަށް ނުޖެއްސުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޭގެއަށް މަސްދަޅު ކޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަވާފައި ކަމަށެވެ.
އެގޮތުން މިއަދު ހަވީރުން ފެށިގެން ފުވައްމުލަކުގެ ގެތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެން އެމް.ޓީ.ސީ.ސީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު ވިދާޅުވިއެވެ.
މެންބަރުގެ ރަސްމީ ޓުވިޓާގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އިބްރާހީމް ޙުސައިން ވަނީ ފުވައްމުލަކު ރައްޔިތުން ކިޔުގައި ޖެހިގެން މަސްދަޅު ކޭސް ލިބިގަތުމުގެ ބަދަލުގައި ސަރުކާރުން ގޭގެއަށް މަސްދަޅު ކޭސް ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވީތީ ރައީސުލްޖުހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ އަހަރުގެ ރޯދަމަހުވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށާއި ހަނޑުވެސް ބައްސަވާފައެވެ.
ރިއެކްޝަންސް






